މަސްވެރި ސިނާޢަތަށް އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްއަކީ ޑރ މުޢިއްޒު - ޝިޔާމް
04 ޑިސެމްބަރު 2024 - 14:35
ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސް އަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަމަށާއި، އެކަން ޔަޤީންވަނީ އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިންމު ގިނަ މަސައްކަތްޕުޅުތަކުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަންތައްކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރައްވާނީ މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭ ގޮތަށް ކަމަށާއި، ކެޔޮޅުންގެ ހުރިހާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކެޔޮޅުންނާއި ބޭއްވެވި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކޮށްފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލިއެވެ. އެގޮތުން، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެއުޅުން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރިއެވެ.
އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަންވެސް ކެޔޮޅުން ޙިއްޞާކުރިއެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.