އަލިފުށީގެ އުތުރު އެއްވެސް ސަރަހައްދަކުން ލޭނު މަސްވެރިކަން ކުރުން މަނާ
23 އޯގަސްޓު 2024 - 14:50
ރ.އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ކުރުން މަނާކޮށް، ލޭނު މަސްވެރިކަމުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
އެ ސަރަހައްދަކީ ރާއްޖޭގައި ކުރާ ރީނދޫއުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަޙައްދެވެ.
މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގައެވެ.
މީގެ އިތުރުން، ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަން ކުރަންތިބި މީހުން ކުރާ މަސްވެރިކަމަށް ދަތިވާގޮތަށް، ލޭނު މަސްވެރިކަން ކޮށްގެން ނުވާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ރ. އަތޮޅު އަލިފުށީގެ އުތުރާއި އިރުމަތީ އަދި ހުޅަނގު ފަރާތުގައިވެސް ލޭނު މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.