މިފްކޯއަށް ފުރަތަމަ ފަހަރަށް ބޭރުގެ ސީއީއޯއެއް
މިފްކޯގެ އައު ސީއީއޯ
09 ޑިސެމްބަރު 2024 - 05:18
މިފްކޯގެ އާ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފިއެވެ.
ޑރ. ވިޓާލީ އަކީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ.
ކުންފުންޏަށް ބޭރުގެ ސީއީއޯއެއް އަޔަނުކޮށްފައިވަނީ ދެ ފަހަރަށް އިއުލާނުކުރުމަށްފަހުއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.
މިފްކޯގެ މާލީ ހާލަތައް ބަލާއިރު ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު އޮތީ ބަދަލުކުރަން ޖެހިފައެވެ.ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާއިރު ކުންފުންޏަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަމަށާއި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށް މިފްކޯއިންވަނީ މިފަހުން ބުނެފައެވެ.