logoEN
ޚަބަރު

ބ. އަތޮޅުން ފެށިގެން އައްޑުއަށް ވައިޓް އެލާޓް ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖެނުއަރީ 2025 - 07:42

މާލެ ހިމެނޭ ގޮތަށް ބ. އަތޮޅުން ފެށިގެން އައްޑުއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން 15 އަތޮޅަކަށް މިއަދު ވައިޓް އެލާޓް ނެރެއްޖެއެވެ.

މެޓް އޮފީހުން މިއަދު އެންމެ ފަހުން އެލާޓް ނެރުނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. މި އެލާޓްގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ކުރިން، މެޓް އޮފީހުން މިއަދު ހެނދުނު 8:30 އިން މެންދުރު 2:30 އަށް ޅ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވެއެވެ. އެ އެލާޓްގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

މި މޫސުން ގޯސްވުމުގެ ސަބަބަކީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފް ކަމަށް މެޓް އޮފީހުން އިއްޔެ ބުނެފައިވެއެވެ. އަދި މި ސަބަބާ ހުރެ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ މި ބަންދުތެރޭގައި ދަތުރުކުރާއިރު މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މީގެ ކުރިން ވެސް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުންނާއި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވެސް ވަނީ މި ވިއްސާރައަށް ސަމާލުވުމަށް އެދިފައެވެ.

މި ވިއްސާރަ މި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެ ކަމަށް މެޓުން ލަފާކުރެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder