ހައްޖު ކޯޕަރޭޝަން ތުއްތު އުމްރާ ވެރިންނާއެކު
03 ޖެނުއަރީ 2025 - 04:42
ދިވެހިރާއްޖެއިން އެއްވަގުތަކާ އެންމެ ގިނަ ޢުމްރާވެރިން ޢުމްރާގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް މައްކާގައި ތިއްބެވި ދުވަސްވަރަކީ މިދުވަސްވަރެވެ. އެ ގޮތުން ޑިސެންބަރު ޢުމްރާ 2024 ގައި ރެކޯރޑް ޢަދަދެއް ކަމަށްވާ 822 ޢުމްރާވެރިންނަށް އެ ކޯޕަރޭޝަނުން އަންނަނީ ހިދުމަތް ދެމުންނެވެ. މިއީ އެއްކުންފުނީގެ ޙަވާލުގައި އެންމެ ގިނަ ޢުމްރާވެރިން ބައިވެރިވި ޢަދަދު ކަމުގައި ފާހަގަ ކޮށްލެވެއެވެ.
ޙައްޖު ކޯރޕަރޭޝަނާއި އެކު މި ފަހަރުގެ ދަތުރުގައި ދިވެހި އެތަށް ޢާއިލާތަކަކާއި އެޢާއިލާ ތަކުގެ ތުއްޕުޅު ބޭފުޅުން ބައިވެރިވާކަމީ ދިވެހި ޢާއިލާތަކުން ޙައްޖު ކޯރޕަރޭޝަނަށް އިތުބާރު ކޮށް އެ މަސައްކަތްތައް ބަލައިގަންނަ ކަމުގެ އަލިގަދަ ހެތްކެއްކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ޙައްޖު ކޯރޕަރޭޝަންގެ އެހެނިހެން ޢުމްރާ ދަތުރު ތަކެކޭ އެއްފަދައިން މި ދަތުރުގައި ވެސް ދަތުރުގައި ބައިވެރިވާ ކުދިންނަށް ޚާއްޞަ ކޮށްގެން ދީނީ މަޢުލޫމާތު ތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ކުޑަކުދިންގެ ދީނީ ހަވީރު ބާއްވާފައިވަނީ ޙައްޖު ކޯރޕަރޭޝަނުން ސަޢުދިޢަރަބިއްޔާގެ މައްކާގައި ހިފާފައި ހުންނަ އަލްބަލަދުއް ޠައްޔިބް، އަޖްޔާދު ހޮޓަލުގައެވެ.
ޙައްޖު ކޯރޕަރޭޝަންގެ ޙަވާލު ގައި މި ޑިސެންބަރު ޢުމްރާ ދަތުރު ތަކުގައި ބައިވެރިވެލެއްވި ހުރިހާ ޢުމްރާވެރިން މައްކާ މަދީނާ އާއި ދެމެދު ދަތުރު ކުރައްވާފައިވަނީ އެހެނިހެން ޢުމްރާ ދަތުރު ތަކެކޭ އެއްފަދައިން ހައި ސްޕީޑް ރޭލުގައި ކަން ފާހަގަ ކުރެވެއެވެ. އަދި މިދަތުރުގައި ބައިވެރިވެލެއްވި އަންހެން ފިރިހެން ހުރިހާ ޢުމްރާވެރިންނަށް ރައުޟާ އަށް ވަދެވިފައި ވާ ކަމީ ޙައްޖު ކޯރޕަރޭޝަނުން ފަޚުރުވެރިކަމާއި އެކު ފާހަގަކުރާ ކަމެކެވެ. އަދި ދިވެހި ރަހަ ތަކާއި އެކު ގަޑިން ގަޑިއަށް ފޯރުކޮށްދެވޭ ފުރިހަމަ ކެއުން ބުއިމުގެ ޚިދުމަތުގެ ވާހަކަ އަކީ ޙައްޖު ކޯރޕަރޭޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުން އަބަދުވެސް ފާހަގަ ކުރައްވާ ކަމެއްކަމީ ކުންފުންޏަށް އެކަންކަން ރަނގަޅުގޮތުގައި ދަމަހައްޓާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ލިބިގެންދާ އިތުރު ހިތްވަރެއް ކަމުގައި ނޫނީ ނުވެއެވެ. އަދި ޙައްޖު ކޯރޕަރޭޝަންގެ ކޮންމެ ޢުމްރާ ޕެކޭޖެކޭ އެއްގޮތަށް މިޑިސެންބަރ ޢުމްރާ ގައި ބައިވެރިވެލެއްވި ކޮންމެ ޢުމްރާވެރިއަކަށް 3 ޢުމްރާ ކުރުމުގެ ފުރުޞަތު ހޯދަދެވިފައިވެއެވެ.
އަދި އިތުރު ޚިދުމަތެއްގެ ގޮތުގައި ޠާއިފް އަށް ޒިޔާރަތް ކުރުމުގެ ދަތުރާއި ޖިއްދާ ވިޔަފާރި ދަތުރަކީ، މި ޑިސެންބަރު ޢުމްރާ ގައި ވެސް ފޯރުކޮށްދެވިފައިވާ ޚިދުމަތްތަކެއްކަން ފާހަގަ ކުރެވެއެވެ. ކުންފުނީގެ މެނޭޖްމަންޓާއި ކޮންމެ މުވައްޒަފެއްގެ ޢަޒްމަކީ،މީސްމީޑިޔާގެ އެކި މަންސަ ތަކުގައި މިހާރު އިޢުލާން ކުރެވިފައިވާ ރަމަޟާން މަހުގެ ޢުމްރާ ޕެކޭޖު ތަކާއި 2025 ވަނަ އަހަރުގެ ޢުމްރާ ކަލަންޑަރުގައި ހިމެނޭ ދަތުރު ތަކުގައި، ކުންފުނީގެ ފާއިތުވި މާޟީގެ ތަޖުރިބާގެ އިތުރުން، ޚިދުމަތް ލިބިގަނެ ފައިވާ ފަރާތްތަކުގެ ބިނާ ކުރަނިވި ޚިޔާލާއި ފާޑުކިޔުންތަކުގެ އަލީގައި މިހާރަށްވުރެ ރަނގަޅު ޚިދުމަތް ތަކެއް ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަން ކަށަވަރު ކުރުންކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ރައްޔިތުންނަށް ގާތުން ދޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަބަދުވެސް ބާރު އަޅުއްވާކަމަށާއި އުމްރާ ޕެކޭޖް ތަކުގެ މަޢްލޫމާތާއި ރަޖިސްޓަރީ ވާނެ ގޮތުގެ ފުރިހަމަ ތަފްޞީލްތައް ކުންފުނީގެ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމް ތަކުން ފެނިވަޑައިގަންނަވާނެކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.