"ހާލު ކިހިނެއް؟" ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި
20 ޖެނުއަރީ 2025 - 14:23

"ހާލު ކިހެނެއް؟" ޕްރޮގްރާމް، ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މިއީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ކާމިޔާބު ޕްރޮގްރާމެކެވެ.

Ad by Hajj Corporation
ކުޅުދުއްފުށި ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ އެސިޓީއަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ގެތަކަށް ޒިޔާރަތްކުރުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައިއެވެ.
މި ޕްރޮގްރާމް މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ކުރިއަށްގެންގޮސްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އަދި އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ ނަތީޖާކަމަށްވާއިރު، މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އެދެއެވެ.