ރައްޔިތުންގެ ހާލުދެނެގަނެ މައުލޫމާތު އެއްކުރުމަށް އިސްކަމެއްދެން: ސޯޝަލް މިނިސްޓަރު
14 ޖޫން 2025 - 10:23

ރައްޔިތުންގެ ހާލަތު ދެނެގަނެ ތަފާތު ގިންތިތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation
މިނިސްޓަރު އާއިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި މުޅި ރާއްޖޭގައި މިނިސްޓްރީން ހިންގަމުންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށް އެ މިނިސްޓްރީގެ ޓީމުތަކުން ރަށްރަށަށް ދަތުރުކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން "ހާލު ކިހިނެއް؟" ޕްރޮގްރާމާއި، ދާންމަތިވެފައިވާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާ ޚާއްސަ ޕްރޮގްރާމްތައް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން މުޖުތަމަޢުގައި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވި، އެމީހުންނަކީވެސް މުހިންމު ބަޔަކަށް ހެދުމަށް މަސައްކަތްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މީހުންނަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެމީހުންނަށް ދިމާވެގެން އުޅޭ ތަފާތު ދަތިތައް ފާހަގަކުރެވި، އޭގެން ކުރިއެރުންތަކެއް ލިބޭކަމަށެވެ.
މި ޕްރޮގްރާމް މިހާތަނަށް ރާއްޖޭގެ ހަތަރު އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ފަށާފައިވާއިރު، 14,000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ނުފެށި އޮތް ހަތަރު އަތޮޅުގައި މި އަހަރު ތެރޭގައި ޕްރޮގްރާމް ފެށޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ރަށްރަށުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާތަކުން އަންނަނީ އެއްބާރުލުމާއި އެހީތެރިކަން ދެމުންނެވެ.