ލިބުނު ހިތްދަތިކަމަށް ތަސައްލީއެއް: ވަޒީރާއެކު އުފާވެރި ވަގުތުކޮޅެއް
29 ސެޕްޓެމްބަރު 2025 - 17:25

މީގެ ދެތިން ދުވަހެއް ކުރިން ސޯޝަލްމީޑިއާގައި އާންމުވި ޕޯސްޓެއް ފެނި، ނުހަނު ބޮޑު ހިތްދަތިކަމެއް ހިތަށް ލިބުނެވެ.
ޙާއްސަ އެހީއަށް ބޭނުންވާ ތުއްތު ކުއްޖެއްގެ މަންމަ ހިއްސާކޮށްފައި އޮތީ، އަދިވެސް އަޅުގަނޑުމެންގެ މި މުޖުތަމައުގައި ނާތަހުޒީބު މީހުން މަދުން ނަމަވެސް އުޅޭކަމެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މެދު މުޖްތަމައުގެ ތެރޭ ބައެއް މީހުން ތަފާތުކުރުން ގެންގުޅޭ މަންޒަރު އަދިވެސް ފެންނަމުންދާތީ އެކަންބޮޑުވުން އެ މަންމަ ހިއްސާކޮށްފައި އޮތެވެ.

Ad by Hajj Corporation
މައްސަލައިގެ ފަސްފަހަތް:
މިފަދަ ކުދިންގެ ހައްގުގައި އަޑު އުފުލައި، އަޅާލައި، އެފަދަ ކުދިންނާއެކު މަސައްކަތް ކުރާ ވުޒާރާ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި މަހުގެ 27 ވަނަ ދުވަހު ވަނީ ހަރަކާތެއް ބާއްވާފައެވެ.
ދެ އަހަރު ނުވާ އެ މައުސޫމް ކުއްޖާ ގޮވައިގެން އެ ކުއްޖާގެ މާމަ ދިޔައީ ހިޔާ ފްލެޓް ސަރަހައްދުގައި އޮތް އެ ހަވީރަށެވެ. އެ ސަރަހައްދުގައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މުވައްޒަފުން ތިބި ޓެންޓަކުން ކުދިންނަށް ހަދިޔާ ބަހަމުން ދިޔައެވެ. އެކި އުމުރުފުރާގެ ކުދިންނަށް ހަދިޔާ ބަހަމުންދިޔައިރު، އެ ހަދިޔާ ބެހީ އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތެއް އެ ކުދިން ކުޅުމަކުން ނޫނެވެ.
އެހެންނަމަވެސް އެ ތުއްތު ކުއްޖާ ހަދިޔާ ބަލައި އެ ޓެންޓަށް ދިއުމުން ހަދިޔާއެއް ނުލިބުނެވެ. އެ ސްޓޯލްގައި ހަދިޔާ ބަހަން އިން އިޖްތިމާއި ވުޒާރާގެ އަންހެން ސޯޝަލް ވޯކަރު، ހަދިޔާ ބެހުން ނިމުނީ ކަމަށާއި ދޭނެ ހަދިޔާއެއް ނެތް ކަމަށް ބުނިކަމަށް މާމައާ ހަވާލާދީ އެ ކުއްޖާގެ މަންމަ ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މައްސަލައަކަށްވީ ހަދިޔާ ހުސްވިކަމަށް ބުނުމަކުން ނޫނެވެ. ހަދިޔާ ހުސްވީކަމަށް ބުނުމަށްފަހު، އެ ތުއްތު ކުއްޖާގެ ފަހުން އެ ސްޓޯލަށް ހަދިޔާ ބަލާ ދިޔަ އެހެން ކުދިންނަށް ހަދިޔާ ބަރާބަރަށް ދިނުމެވެ. އެ މަންޒަރު ބަލަން، އެ މައުސޫމު ފުރާނައާއި މާމަ، އެ ޓެންޓާ މާ ދުރުނޫން ހިސާބެއްގައި އިން ބެންޗެއްގައި އިށީނދެލައިގެން އިނެވެ. ހިތުގައި ލައްކަ ވޭން އަޅާނެތާއެވެ. ލައްކަ އެއްޗެހި ހިތަށް އަރާނެތާއެވެ. ވާހަކަނުދެއްކޭތީ އަނގައިން އެ ވާހަކަ ނުބުނެވުނެއްކަމަކު، އެ ތުއްތު ހިތުގައި ވެސް، "ކޮއްކޮ" އަށް އެ ހަދިޔާ ނުލިބުނީ ކީއްވެތޯ، މި ސުވާލު އުފެދޭނެ ނޫންހެވެ.
ކޮންމެ އަކަސް، މި މައްސަލައިގައި ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ހިއްސާކުރިއެވެ.
މިއާއެކު ފެނިގެންދިޔައީ މިފަދަ ކަންކަމުގައި ދައުލަތުގެ ކަމާބެހޭ އިސްވެރިން އަޅާނުލާ ނުތިބޭނެ މަންޒަރެވެ.
އެ ތުއްތު ކުއްޖާއަށާއި އޭނާގެ މަންމައާއި މާމައަށް ވެސް އަދި މުޅި އާއިލާއަށް ވެސް ލިބުނު ހިތްދަތިކަމަށް ތަސައްލީއެއް މިވަނީ ލިބިފައެވެ.
މިއަދު އެ މަންމަ މީސްމީޑިއާގައި ވަނީ އުފާވެރި މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށް، އެކަމުގެ ތަފްސީލު ވެސް ހިއްސާކޮށްފައެވެ.
"ޝުކުރިއްޔާ ވަޒީރު ޑރ. އައިޝަތު ޝިހާމް. މިއަދު ވަޒީރު އަޅުގަނޑުމެންގެ ގެއަށް ޒިޔާރަތް ކުރައްވައި ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވުމުން ވަރަށް އުފާވެއްޖެ. އަދި އަޅުގަނޑުމެންނާ މެދު ބެހެއްޓެވި ގާތްކަމާއި ދަރިފުޅަށް ދެއްކެވި އޯގާތެރިކަމަށާއި ލޯތްބަށް ޝުކުރު ދަންނަވަން". އެ މަންމަ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކުއްޖާގެ މަންމަ، "މެންދުރު ޓީވީ" އަށް މައުލޫމާތުދެމުން ބުނީ، އެ ދުވަހު ސޯޝަލް ވޯކަރުގެ އަތުން ހަދިޔާ ނުލިބުނު ނަމަވެސް، މިއަދު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުގެ އަތްޕުޅުން ދަރިފުޅަށް ހަދިޔާ ލިބުނު ކަމަށެވެ. އަދި ދަރިފުޅާއި މުޅި އާއިލާއަށް ވެސް އުފާވެރިކަން ގެނުވި ވަގުތުކޮޅެއް ވަޒީރު ހޭދަކުރެއްވިކަމަށް އެ މަންމަ ބުނެފައިވެއެވެ.
ވަޒީރު ދައްކަވައި ދެއްވީ، އެއީ ހަމައެކަނި ނަމެއްގައި ތިއްބަވާ ބައެއްނޫން ކަމެވެ. މިފަދަ ކަންކަމުން ފެށިގެން ގޮސް، އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމުގައި ވެސް ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެކަމެވެ.