އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު Q3-Q4 2024 އަށް ދިރާގަށް ލިބިއްޖެ
5 މާރިޗު 2025 - 07:32

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު Q3-Q4 2024 އަށް ދިރާގަށް ލިބިއްޖެއެވެ.
މި އެވޯޑް ދީފައިވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ، މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

Ad by Hajj Corporation
ދިރާގުން މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 60% އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ.
ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނީ، އެ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާޢީލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ، މުޙައްމަދު މުސްޢަދުއެވެ.
އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓިންގ އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެއެވެ.
ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް' އެވޯޑް، ވިދިވިދިގެން 3 އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.
މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.