ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭނެ ގޮތް ތައާރަފްކޮށްފި


12 މާރިޗު 2025 - 08:35
މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗަރއެއް ދިރާގުން ތައާރަފްކޮށްދީފައެވެ.
ދިރާގުން ވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. އަދި، ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ދިރާގުން ވަނީ ހުޅުވައިލައިފައެވެ. މި ގޮތުން، ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭނެ ހިޔާތަކަކީ ފިޔަވަތި އަދި އަމާން ވެށި އަދި އަމާން ހިޔާ އެވެ.
ހިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފް.ސީ.އެސް.ސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ބޭފުޅުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން (10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، އަދި 500 ރުފިޔާ) އަދަދެއް ހިޔާރުކޮށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެއެވެ. އަދި، ޕްރީޕެއިޑް ބޭނުން ކުރާ ބޭފުޅުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނޭ ކަމަށް ދިރާގުންވަނީ ބުނެފައެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގުއެޕް މެދުވެރިކޮށް ލިބޭ ޑޮނޭޝަންތަކުގެ އެހީގައި، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ކުދިންނަށް ކޮށްދޭން ކަނޑައަޅައިފައިވާ ކަންކަމަކީ ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް، ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުމަށް، ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުމަށް އަދި ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށެވެ.
ހުރިހާ އެންމެން ވެސް މުޖުތަމައުގައި ބައިވެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރުގެ ދަށުން ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ. މި ގޮތުން، ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެޝި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުން ކަން ދިރާގުން ވަނީ ބުނެފައެވެ.
ރަމަޟާން މަހަކީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަކު އަނެކަކަށް އޯގާތެރިވުން މުހިންމު މަސްވަރަކަށްވެފައި، ދިރާގުގެ އިސްނެގުމުގެ މަތިން މި ކުރަމުންދާ މުހިންމު މަސައްކަތް ވެގެން ދާނީ މި ކުދިންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަކަށެވެ.
އިތުރު ލިޔުންތައް

4000 ދުވުންތެރިންނާ އެކު، ދިރާގު ރޯޑް ރޭސް މާދަމާ
5 މަސް ކުރިން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2025 ގައި ބައިވެރިވާން ހުޅުވާލައިފި
4 މަސް ކުރިން
ކުޅުދުއްފުށި ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީތެރިކަން
4 މަސް ކުރިން