ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އެދިއްޖެ


14 މާރިޗު 2025 - 08:10
ސީދާގޮތުންނާއި ނުސީދާ ގޮތުންވެސް ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭނެ ފަދަ މައުލޫމާތު ތަކާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަށް އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައިބުނީ ކުޑަކުދިންގެ ކާރާމާތައް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަަމަށާއި، މިގޮތުން ކުއްޖާގެ ނަމާއި، ފޮޓޯއާއި، އެޑްރެހާއި، ތައުލީމު ހާސިލު ކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސިދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާ ކަމެއްކަމަށާއި މިގޮތަށް އާއްމުކުރާ މައުލޫމާތުގެ ތެރޭގައި ހިމެނޭ މީޑިއާގައި ދައުރުކުރާ ފޮޓޯތަކާ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެކަމަށް ބުނެ ވުޒާރާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންކަމުން ކުޑަކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެ ފަދަ ފޮޓޯ އަދި ވީޑިއޯތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.