logoEN
ޚަބަރު

އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ޤާއިމުކުރުމަށް ކައުންސިލްތަކުން ޝައުގުވެރިވޭ

އާމިނަތު ސަފާއާމިނަތު ސަފާ

12 އޭޕްރީލު 2025 - 17:18

އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ރާއްޖޭގެ ރަށްތަކުގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރަށު ކައުންސިލްތަކުންވެސް ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވެފައިވަނީ، އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ތަރައްޤީކޮށް އެޚިދުމަތްތައް ރަށްރަށުގައި ފެށުމަށް 13 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށެވެ. އެގޮތުން، މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި 13 ކައުންސިލުން އެބޭފުޅުން ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައިވާ ކަމަށާއި، އެކައުންސިލްތަަކާއެކު އެ ބޭފުޅުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންގެންދާކަމަށްވެސް ލަހުފާ ވަނީ ވިދާޅުވެފައެވެ.

މިގޮތުން، ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން އެފަދަ ޖާގަތައް ތަރައްޤީކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާއި، އެގޮތަށް ތަރައްޤީކުރާ ޖާގަތަކުގައި ޚިދުމަތް ދޭނީ ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކާއެކު ކަމަށް ވެސް ލަހުފާ ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި، ލުއި ކަސްރަތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގުމަކީ އަމާޒެއް ކަމަށް ވެސް ލަހުފާ ވިދާޅުވިއެވެ.

ދޮށީއުމުރުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުންގެ އަދަދު ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު އެކަންކަމަށް ރަނގަޅު ހައްލެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވެފައިވަނީ، އިސްރަށްވެހިންނަށް ޚާއްސަކޮށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާއި ޖާގަތައް ތަރައްޤީކުރާނީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި، ރަށްރަށުގައި އިސްރަށްވެހިންނަށް ހަރަކާތްތައް ހިންގަން ފަށާނީ އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިސްރަށްވެހިންނަށް ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތައްވެސް ކަށަވަރުކުރައްވާނެކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.

2024 ފެބްރުވަރީގައި އިސްރަށްވެހިންގެ ފުރަތަމަ ނާދީ ޤާއިމުކުރެވިފައިވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވައި، ދޮށީ އުމުރުގެ ފަރާތްތަކުގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އެތަންތަނުގައި ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder