ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނި


09 މޭ 2025 - 04:52
ޤައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން 'އުފާ ފެސްވިޓަލް' ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެސް-2 'ހިޔާ ޕާކު' ސަރަހައްދުގައެވެ.
އެގޮތުން މި ހަރަކާތުގައި އެކި އެކި ކުޅިވަރު ސްޓޯލްތައް ހުންނާނެއެވެ. މީގެ އިތުރުން ވަރަށް ބައިވަރު އިންފްލޭޓަބަލް ގޭމްސް ވެސް ހުންނާނެއެވެ. އޭގެ އިތުރުން އޫރީދޫ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ފޯމް ޕާރޓީ އެއް ވެސް ކުރިއަށް ދާނެއެވެ. މި ހަވީރުގެ ތެރެއިން ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކޭކު ފެޅުމާއި އެކު ކުޑަކުދިން އެންމެ ގަޔާވާ އެއް ޕަރފޯމަރ އެއް ކަމަށް ވާ ރޮބޯމޭންގެ ޚާއްސަ ޕަރފޯރމަންސް އެއްވެސް އޮންނާނެއެވެ.
މި ހަރަކާތާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް ސާވިސަސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފް ވިދާޅުވީ މި ހަވީރު ކުރިއަށް ގެންދިއުމަށް ރޭވިފައި ވަނީ އެހެން ފަހަރުތަކާއި ތަފާތުކޮށް، ވަރަށް ބޮޑު ހަވީރެއްގެ ގޮތުގައިކަމަށެވެ.
އަދި އެހެން ފަހަރުފަހަރުގެ ހަރަކާތްތަކާއި މިފަހަރުގެ ހަރަކާތާ ތަފާތު ވާނެކަމަށާއި ވުމާއެކު މި ހަރަކާތުގައި ގިނަ ކުދިން ބައިވެރިކުރުމަށްވެސް އަޝްރަފް ވަނީ އިލްތިމާސްކުރައްވާފައެވެ.
"މިފަހަރު ކުޑަކުދިންގެ ދުވަސް، ވަރަށް ގިނަ ގޮތްތަކަށް އެބަ ފާހަގަކުރެވޭ. އެހެން ނަމަވެސް، ހުޅުމާލޭގެ ހިޔާ ޕާކުގައި މި ބާއްވާ ހަރަކާތްތަކަކީ ކުދިންނަށް ވަރަށް ގިނަ ތަފާތު ކުޅިވަރުތައް ތަޖުރިބާކޮށްލަން ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް. ކުޑަކުދިންނަކީ އިންފްލޭޓަބަލްސް ކަހަލަ ގޭމްތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ ބައެއް. މީގެ ކުރިން ވެސް ހުޅުމާލޭގައި މިފަދަ ހަރަކާތްތައް ބާއްވާއިރު، ކުދިން އެތަންތަނަށް ގޮސް ވަރަށް މަޖާކޮށް އެ ކުޅިވަރުތަކުގައި ބައިވެރިވާ މަންޒަރު ފެނޭ. މިފަހަރު އަޅުގަނޑުމެން މި އިންތިޒާމުކުރަނީ، އެފަދަ ހުރިހާ ވަސީލަތްތަކަށް ހިޔާ ސަރަހައްދުގައި ބަހައްޓައިގެން އަންނަ ކޮންމެ ކުއްޖަކަށް ވެސް އެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ އިންތިޒާމުތައް.ކުރިން ފާހަގަކުރި ގޭމްތަކަކީ، އެއްތާކުން ހުރިހާ ގޭމްތަކެއް ކުޅުމުގެ ފުރުސަތު ވަރަށް މަދުން ނޫނީ ނުލިބޭ. އެހެން ނަމަވެސް، މި ދުވަހު ކުދިން ހިތްހަމަ ޖެހޭނެ މާހައުލެއް ތައްޔާރުކުރުމަށް ހިޔާ ޕާކުގައި އަޅުގަނޑުމެން ވާނީ އެ އިންތިޒާމު ހަމަޖައްސާފައި."
އޭގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެއެވެ.
މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ.
ހަމައެހެންމެ، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 ގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޫވީ ނައިޓުގެ އިތުރު މައުލޫމާތު ދެއްވަމުން ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާއީލް އަލީ ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މެދުކަނޑާލުމަށް ފަހު އެރޭ 8 ޖަހާއިރު ބާއްވާ މި މޫވީ ނައިޓްއަކީ ކުދިންނާއި ބެލެނިވެރިންނަށް ވެސް އަގުހުރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ.
" ކުޑަކުދިން ޝައުގުވެރިވާނެގޮތަށް އަދި އާއިލާތަކަށް އައިސް އެކުގައި ވަގުތު ހޭދަކޮށްލެވޭނެ ގޮތަށް މި މޫވީ ނައިޓް އަޅުގަނޑުމެން ސެޓްކުރަމުން މިދަނީ. ޔަގީނުންވެސް އެތަނުގައި އަޅުވާނީ ވަރަށް ބޮޑަށް ކުޑަކުދިން ޝައުގުވެރިވެވާނެ މޫވީ އެއް. މިއީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ."
ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީއާއި ގުޅިގެން އިންތިޒާމުކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިއާރެވެ.
އިތުރު ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައިފި
7 މަސް ކުރިން
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އެދިއްޖެ
2 މަސް ކުރިން
ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އާދޭ: ލަހުފާ
މަހެއް ކުރިން