ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުން ބަލައެއް ނުގަންނަން - ޑރ ވަޙީދު


15 މާރިޗު 2025 - 17:20
ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. ވަޙީދު ވިދާޅުވީ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާކަމެއްކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.އެމަނިކުފާނު ވަނީ ރައީސް ޑރ. މުޢިއްޒުގެ އާއިލާއަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ނިސްބަތްކުރައްވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާތީ އެކަން ކުށްވެރި ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި 3 ފަރާތަކަށް ދައުވާކުރުމަށް އާއިލާއިން ވަނީ ނިންމަވާފައެވެ.