ހަތަރު ކެފޭއެއް ބަލާ ފާސްކޮށް 6 ބިދޭސީއަކު އަތުލައިގެންފި
7 އޭޕްރީލު 2025 - 16:11

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ހަ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. އަދި ސަރުކާރުން ދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފޯރުކޮށްދެމުންނެވެ.

Ad by Hajj Corporation
މީގެއިތުރުން، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އިމިގްރޭޝަނުން މައުލޫމާތުދިން ގޮތުގައި މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހަތަރު ކެފޭއަކުން ހިފެހެއްޓުނު ހަ ބިދޭސީންނަކީވެސް ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުން ދިޔަ ބައެކެވެ.