އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ އައު އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


11 އޭޕްރީލު 2025 - 04:12
ހއ.އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ އައު އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަސްވަރާކުރެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ހއ. އުލިގަމަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ވަނީ އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތާ ގުޅޭގޮތުންނާއި ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ހއ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ހއ. އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޑެޓް، އެމްޓީސީސީއާއެކު ސޮއިކޮށްފައި ވަނީ މާޗް މަހުގެ 27ވަނަ ދުވަހުގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އިމިގްރޭޝަނުން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއި ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، ހއ.އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތަކެވެ.
ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެއެވެ.
އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަޞީހްއެެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން