ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ އިނާމު، ނޫސްވެރިޔާ މޫސާ ލަތީފްއަށް ރައީސް މުޢިއްޒު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

20 އޭޕްރީލު 2025 - 10:34
މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މި އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މިއަހަރުވަނީ ދާއިރާއެއް އިތުރުކުރައްވާފައެވެ. އެއީ، ޕެޓިޝަރީ އެންޑް ބޭކިންގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑިޒާޓް އުފެއްދުން ހިމެނެއެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ހުށަހަޅާނީ، https://apply.presidency.gov.mv އަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.
އިތުރު ލިޔުންތައް

މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިން އިން ފެތުރީ ދޮގު ޚަބަރެއް: ތަރުޖަމާނު
8 މަސް ކުރިން
ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި
8 މަސް ކުރިން
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ
8 މަސް ކުރިން