ދުވާފަރުގައި ހިންގި އޮޕަރޭޝަނުގައި 51 ބިދޭސީން ހައްޔަރުކޮށްފި


24 އޭޕްރީލު 2025 - 10:30
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 51 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 51 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި މިހާތަނަށް 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ ވަނީ އެއްކޮށްފައެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން