logoEN
ޚަބަރު

އަންހެންމީހާ ވެއްޓުނު ހާދިސާ: އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

24 އޭޕްރީލު 2025 - 10:39

އަންހެންމީހާ ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އެ ހާދިސާ ތަހުގީގެއްކުރަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ 2025އޭޕްރިލް 18 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނެއް ވެއްޓިފައިއޮއްވާ ފެނިފައިވާ ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ތަޙްޤީގުކުރަމުންދާކަމަށެވެ. މި ހާދިސާ ތަހްގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ މި މައްސަލަ ކޮމިޝަނުން ތަހްގީގުކުރުމުގައި މިކަންކަމަށް ރިއާޔަތްކުރާނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ. މި ކަންކަން ކޮމިޝަންގެ ސަމާލުކަމަށް އައުމާ ހިސާބުން އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަމަށާއި އެގޮތުން، އާއިލާގެ ފަރާތުން ކޮމިޝަނަށް މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައިކަމަށް ބަޔާނުގައިވެއެވެ. އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް އެޗްއާރްސީއެމްއިން މައުލޫމާތުދެއެވެ.

"ޖިނާއީ ތަހުޤީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަޙްޤީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެކެވެ. އެގޮތުން، 2025 އެޕްރިލް 22 ވަނަ ދުވަހާއި މިއަދު (2025 އެޕްރިލް 24) ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީ.ސީ.ޓީ.ވީ ފްޓޭޖް އެކަނި ދައްކާފައިވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ."

މީގެ އިތުރުން، 2025 އެޕްރިލް 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީ މިކަމާ ގުޅިގެންވެސް ކޮމިޝަނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މީގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިވްޓިމައިޒްވެގެން ގޮސްފައިވާތީ، މިއީވެސް ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމުގައި ބަޔާނުގައިވެއެވެ.

ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައި ވުމަކީވެސް ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމަށާއި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ފަދަކަމަކެއްކަމުގައިވެސް ދެކޭކަމަށް ބަޔާނުގައިވެއެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެތިބެ، ވަށާޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަހްގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ކޮމިޝަނުންވަނީ ގޮވާލާފައެވެ. އަދި ފުލުހުންގެ ތަހްގީގް ކުރިއަށް ދާ ގޮތް މި ކޮމިޝަނުން މޮނިޓަރ ކުރަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި ފަރާތާއި އެފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހްތިރާމްކޮށް، އެފަރާތުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder