އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން އަންގައިފި


26 އޭޕްރީލު 2025 - 15:17
މި މަހުގެ 18 ވަނަ ދުވަހު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ފެއްޓިފައި އޮއްވާފެނުނު މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ޝަކުވާތަކާމެދު ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެ ކަމަށް ޕީޖީ އޮފީހުންބުނެ އެވެ.
މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް އަންގާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށްވެސް ފުލުހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ އަންގާފަ އެވެ.
އަދި، ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް ޕީޖީ އޮފީހުން ވަނީ އަންގާފަ އެވެ.