ރައީސް މުޢިއްޒު: ތަފާތުކުރުންނައްތާލައި، އިންސާފުގެ ޔަގީންކަން ކަށަވަރުކޮށްދެއްވި ރައީސް

02 މޭ 2025 - 09:29
ދިވެހި ރައްޔިތުން އުންމީދުކުރަމުން އައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ، އިންސާފްގެ ޔަގީންކަން ލިބިދޭ ދުވަހެކެވެ. ތަފާތުކުރުމެއްނެތް ހަމަހަމަކަން ގާއިމުވެފައިވާ ދުވަހެކެވެ. ވެރިކަމުގެ ފަރާތުން މި ހައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ ދުވަހެކެވެ. ޒަމާންތަކަކަށްފަހު އެފަދަ ދުވަހަކަށް އަލިވިލިފައިވާކަމުގެ އުފާވެރި އިހްސާސް މިއަދު ދިވެހިރައްޔިތުން ދަނީ ކުރަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހަމަހަމަކަން ގާއިމުކުރަށްވައި، އިންސާފުގެ އެންމެ މަތީ ދަރަޖަ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް އެދުންކަމުގައިވާ އިންސާފާއި ހަމަހަމަކަން ގާއިމުވެފައިވާ މުޖުތަމަޢުއެއް ގާއިމުކޮށްދެއްވާފައެވެ.
އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމުގެ އުސޫލު ދެމެހެއްޓުން
ރައީސް މުޢިއްޒުގެ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންސާފުގެ މަގުން ކަންކަން ކުރެއްވުމަށްކަމެވެ. އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މެދުގައި އަނިޔާވެރިވުމަކީވެސް އެމަނިކުފާނުގެ އުސޫލެއް ނޫންކަން ވަނީ ސާފުކޮށް ވިދާޅުވެފައެވެ. އަދި މިކަންކަން ދަނީ އަމަލީގޮތުން ދައްކަވަމުންނެވެ.
''އަޅުގަނޑުމެންނަކީ، އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް. އިރާދަކުރެއްވިއްޔާ، އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނަން. މިއަދާ ހަމައަށް އައިއިރުގައިވެސް، އަދި ކުރިޔަށް އޮތްތާނގައިވެސް، އަޅުގަނޑުގެ ހަމައެއް ނޫން، އަޅުގަނޑުގެ އުސޫލެއްވެސް ނޫން ތަފާތުކުރުމަކީ، އަދި އެއްވެސް ރައްޔިތަކާ ދޭތެރޭގައި އަނިޔާވެރިވުމަކީ.'' ރައީސް މުޢިއްޒު (27 އޭޕްރިލް 2025، މެލޭޝިޔާއަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުން)
މި ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރާމެދު ކުރެވުނު ތުހުމަތުތައް ބެލުމަށް އެ އެމްޑީ ސަސްޕެންޑްކުރެއްވުމާއި، އިމިގްރޭޝަން ކޮންޓްރޯލާއަކަށް ހުންނެވި ބޭފުޅެއްގެ މައްޗައް ކުރެވުނު ސީރިއަސް ތުމަތުތަކެއް ބެލުމަށް ނުފޫޒެއްނެތި ފުރުސަތު ދެއްވުންފަދަ މިސާލުތަކަކީ ރައީސް މުޢިއްޒު، ވަކި މީހެއް ތަފާތުނުކުރަށްވައި ރައްޔިތުންގެ މަސްލަހަތައް އިސްކަންދެއްވާކަމުގެ ސާފު ހެކިތަކެވެ.
އިންސާފުގެ ޔަގީންކަން ކަށަވަރުކޮށްދެއްވުން
ފަހަކަށް އައިސް ހިނގާދިޔަ ހިތާމަވެރި ހާދިސާއާ (18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާ)އާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އަމާޒަކީ މިކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ގާއިމުކޮށްދިނުން ކަމަށެވެ. އެއްވެސް ފަރާތަކަށް ޚާއްޞަ އިސްކަމެއް ނުދެއްވާނެ ކަމަށާއި، ކަވަރއަޕް ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. އެ ހިތާމަވެރި ހާދިސާއަށް އިޝާރަތް ކުރަށްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެކަމާއި ގުޅުބައި ފެށި މުޒާހަރާތައް ފުރަތަމަ ފެށިގެން އައީ ވަރަށް ސީރިއަސް ކަންބޮޑުވުންތަކަކާ އެކުގައި ކަމަށެވެ. އަދި މިފަދަ ކަންބޮޑުވުންތައް އަޑުއެހުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ އަމާޒަކީ ހުރިހާ ކަމެއްގައިވެސް އިންސާފު ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކުށްކުރާ ފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއް ކަމުގައިވިޔަސް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން އަދަބު ދިނބު ދިނުމަކީ އެމަނިކުފާނުގެ އަމާޒު ކަމުގައި ވިދާޅުވެފައިވެއެވެ.
މިކަން އަމަލީގޮތުން އެމަނިކުފާނު ވަނީ ދައްކަވާފައެވެ. މި މައްސަލާގައި ސަރުކާރުން އަޅުއްވަންޖެހުނު ހުރިހާ ފިޔަވަޅެއް ވަނީ އަޅުއްވާފައެވެ. މަގާމުން މީހަކު ވަކިކުރާން ޖެހުނު ނަމަވެސް، ސަސްޕެންޑް ކުރަން ޖެހުނުނަމަވެސް އެމީހަކާއި ހުރި ގާތް ދުރުމިނެއް ނުބައްލަވާ ފިޔަވަޅު އަޅުއްވާފައިވުމީ އެމަނިކުފާނުގެ ހެޔޮނިޔަތަށް ބާރުދޭ ސާބިތު ހެކިތަކެވެ.
މިނިވަން ކޮމިޝަނެއް އުފެއްދެއްވުން
18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން އިންސާފުގެ ކަށަވަރުކަން ގާއިމުކޮށްދެއްވުމަށް ރައީސް ވަނީ ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން އެ މައްސަލަބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި އެމަނިކުފާނު ވަނީ 27 އެޕްރިލް 2025 ގައި ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައެވެ.
މި ކޮމިޝަން އެކުލެވިގެން ވަނީ ޤާނޫނީ، ސިއްހީ، އިޖުތިމާއީ، އިންސާނީ ހައްގުތަކާއި ގުޅޭ ދާއިރާތަކުގެ ތަޖުބާކާރުންގެ މައްޗަށެވެ. މިކޮމިޝަން އެކުލަވައިލައްވާފައިވާ ގޮތަށް އެކަނި ބެލިނަމަވެސް ކޮމިޝަނަށް މިނިވަންކަން ލިބިދީފައިވާ މިންވަރު ސާފުކޮށް ޔަގީންކޮށްދެއެވެ. ކޮމިޝަންގެ ރައީސަކަށް މިހާރުގެ އިދިކޮޅު ފަރާތްތަކާއި ގުޅުންބޮޑު ބޭފުޅެއްކަމަށް ބެލެވޭ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަރު ޢައްޔަނުކުރެއްވުމަކީ، މި ކޮމިޝަންގެ ތަހްގީގްގެ ހޯދުންތަކާމެދު އެއްވެސް ފިކުރަކަށް ދެކޮޅު ހެދުމުގެ ޖާގަ އޮންނާނެކަމެއްނޫނެވެ. އެހެންކަމުން ރައީސްގެ ހެޔޮ ނިޔަތް މިކަމުން ހުދު ބޯކިރުކޮޅެއްހާ ސާފެވެ.
މިކޮމިޝަނަށް ދެއްވާފައިވާ އާރާއި ބާރަކީ ވެސް މި ކޮމިޝަނަށް ފުރިހަމަ ތަހްގީގެއް ހިންގުމަށް ރައީސް ދެއްވި ވަރަށް ބޮޑު އިޚްތިޔާރެކެވެ. އަދި މައްސަލައިގެ ފުނައްފީނައި ދެފުއްފެންނަ ހާމަކުރުމެއް އެކުލަވައިލެއްވުމަށް އެމަނިކުފާނު ދެއްވި ބޮޑު އަހްމިއްުޔަތުގެ ރަމްޒެކެވެ.
މި ކޮމިޝަނުގެ ބާރުތަކާއި އިމްތިޔާޒުތަކަށް ކުރުކޮށް ނަޒަރުކުރާއިރު، ދައުލަތުގެ މުއައްސަސާތަކާއި އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ބާރުތައް ބޭނުންކުރުމާއި، ކޯޓު އަމުރުތަކަށް އެދުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި ހެކި ހޯދުން އަދި އެހެން ފަރާތްތަކުން ކޮށްފައިވާ ތަޙުޤީޤުތަކުގެ މަޢުލޫމާތު ހޯދުން ފަދަ ބާރުތައް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ފުރިހަމަކަމާއެކު އަދާކުރުމަށް ލިބިދީފަވެއެވެ.
އިމޯޝަނަލްވެ، ޖޯޝުގައި ޖެހިގެން ކަންކަން ނިންމުމުގެ ބަދަލުގައި، ކަންކަމާމެދު ފުންކޮށް ވިސްނައި، ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގުތަކުން މިންޖުވެ ތިބެންޖެހޭ
ރައީސް މުޢިއްޒު ވަނީ ސިޔާސީ ބޭނުމަށް ޒުވާނުން ބޭނުންކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާޒީގައި ބައެއް ފަރާތްތަކުން ދީނީ އަދި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް ޒުވާނުން އަމަލުކުރުމަށް ހިތްވަރުދިން ކަމަށެވެ. މިފަދަ ފަރާތްތަކުން މިހާރު ސިޔާސީ ބޭނުމަށް ޒުވާނުން މިސްޔޫސްކުރަމުންދާކަން ފާހަގަކުރައްވައި، މިކަމާމެދު ރައްޔިތުން ވިސްނުންތެރިވާން ޖެހޭކަމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
އަމިއްލަ ސިކުނޑިން ވިސްނައި، ތެދާއި ދޮގު ވަކިކުރުމަށް ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އިމޯޝަނަލްވެ، ޖޯޝުގައި ޖެހިގެން ކަންކަން ނިންމުމުގެ ބަދަލުގައި، ކަންކަމާމެދު ފުންކޮށް ވިސްނުމަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ނަން ނޭނގޭ ފަރާތްތަކުން ފަތުރާ ދޮގު މަޢުލޫމާތުތަކަށް ތަބާނުވުމަށްވެސް ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އެނގެން މުހިންމުކަމަކީ، ޒުވާނުން މިހާރު ކުރަމުންދާ މުޒާހަރާތައް ފެށި މަގުސަދު ކިތަން ސާފުނަމަވެސް، އެކަމުގެ ތެރެއަށް ސިޔާސީ މީހުންވަދެ އެކަން ވަނީ ގަޑުބަޑުކޮށް، ޒުވާނުންގެ މިސްރާބު އޮޅުވާލާފައިވާކަމެވެ. ޒުވާނުންގެ މި މަސައްކަތުން ނާޖާއިޒު ކްރެޑިޓް ނެގުމަށް ސިޔާސީ ޕާޓީތަކުގެ ޒުވާނުން ބައެއް މޫނުތައް އެކަމުގެ ތެރެއަށް ވަދެފައިވާކަމަށެވެ. އެމްޑީޕީގެ ހަރުގޭގައި މުޒާހަރާއަށް ބެނާ ހެދުމާއި، އެމްޑީޕީ އާއި ޑިމޮކްރެޓިސްގެ އިސް ބައެއް އެކްޓިވިސްޓުން މުޒާހަރާތައް ލީޑްކުރަން އުޅުމަކީ މިކަމުގެ ސާފު ހެކިތަކެވެ. އެހެންކަމުން ޒުވާނުންގެ މަގްސަދު ކިތައްމެ މާތް ނަމަވެސް ބަޔަކު މިވަނީ މިކަން ގޯސްކޮށް، މިސްރާބު އޮޅުވާލައި، މި ޒުވާނުންގެ މަސައްކަތް ކިލަނބުކޮށްލާފައެވެ. އެހެންކަމުން، އެފަދަ ސިޔާސީ މީހުން މެޑެލްޖަހަން ފުރުސަތުދޭ ބަޔަކަށް ޒުވާނުން ވެގެން ނުވާނެއެވެ.
ވިސްނަންވީ އެންމެނަށް ވެސް އޮތް ފައިދާއެއްކަން
ކަމެއް އިސްލާހްވެ ރަނގަޅު މަގުން ދިޔުމަކީ އެންމެނަށް ވެސް އޮތް ފައިދާއެކެވެ. ޤައުމުގެ ރައީސަކު ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދެއްވުމަށް ކުރަށްވަމުންދާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމަކީ މުޅި މުޖުތަމައުގެ ލާބަޔާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން ރައީސް މުޢިއްޒު ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ކަށަވަރުކޮށްދެއްވައި، އެކަން ބަހާއި ޢަމަލުން ދައްކަވަމުންދާއިރު، ރައްޔިތުންގެ ބަޔަކު އެކަމާއި އިދިކީލަވުމަކީ އެބަޔަކަށް މުޅި ރައްޔިތުންނަށް ދެވޭ އަނިޔާއެކެވެ. ކަންކަމާއި ދުއްތުރާކޮށް، އުނދަގޫކުރާނަމަ އިސްލާހަށް، ހެޔޮ މަގަށް ކުރެވޭކަންކަމުގެ ސްޕީޑް ލަސްވެެގެންދާނެއެވެ. އެހެންވެއްޖެނަމަ އޭގެ ގެއްލުން މުޅި މުޖުތަމައު އަށް ވެސް ފޯރާނެއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ސިޔާސަތުތަކާއި ވާހަކަފުޅުތަކުން ދޭހަވަނީ ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެމަނިކުފާނު ގަދައަޅައި މަސައްކަތްކުރައްވާކަމެވެ. މިއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ. އެކަމުގައި ހިފަން ތިބީ ހަމަ ރައްޔިތުންނެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން