logo
ޚަބަރު

ޕޭމް ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ ކަނޑުއަޑީގެ މާހައުލީ ނިޒާމު ބަލަހައްޓަން ފަށައިފި

އާމިނަތު ޝަފާ
4 މޭ 2025 - 05:26
ޕޭމް ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ ކަނޑުއަޑީގެ މާހައުލީ ނިޒާމު ބަލަހައްޓަން ފަށައިފި

ޑިޖިޓަލް ޓެކްނޯލޮޖީ އަދި އީޖާދީ ވަސީލަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ކަނޑުއަޑީގެ މާހައުލީ ނިޒާމު ބެލެހެއްޓުމަށްޓަކައި "ޕެސިވް އެކޯސްޓޮކް މޮނިޓަރިންގް (ޕޭމް) ޓެކްނޯލޮޖީގެ އަޖުމަބެލުގެ ޕައިލެޓް ޕްރޮގްރާމެއް ނިންމައި މި ޓެކްނޯލޮޖީ ރާއްޖޭގައި ބޭނުންކުރަން ފަށައިފިއެވެ.

މި ޕައިލެޓް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހިންގަމުންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއާއި އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން އީޕީއޭ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމް.އެމް.އެމް.އާރ.އައި) އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން 17 ފަރާތެއް ވަނީ ތަމްރީންކުރެވިފައެވެ.

ޕެސިވް އެކޯސްޓިކް މޮނިތަރިންގ ޓެކްނޯލޮޖީ ބޭނުން ކުރަން ފެށުމަށްޓަކައި ބޭއްވުނު ހަފްލާގައި، ޝަރަފުވެރި މެހެމާނު ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޗް އަލީ ޝަރީފު ދެއްކެވި ވާހަކައިގައި، ދިވެހިރާއްޖޭގެ ތިމާވެށި ދިރާސާކުރުމުގައި ކުރިންވެސް އެކި ޕްރޮޖެކްޓައް ހިންގިފައިވިޔަސް، މަޝްރޫއު ނިމުމުން އެ މަސައްކަތް ހުއްޓޭކަން ފާހަގަކުރެއްވިއެވެ.

މި ޕައިލެޓްގައި ދަސްކޮށްދެވުނު މައުލޫމާތުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރަން އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ޑީމެޑް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހީމް ވަހީދު ދެއްކެވި ވާހަކައިގައި ވަނީ މި ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން ދެވުނު ތަމްރީނުގެ ބޭނުންހިފައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުތަކުގެ ދިރުން އާލާކުރުމުގެ މަސައްކަތްތަކުގައި މި ޓެކްނޯލޮޖީ ބޭނުންކުރަން ގޮވާލާފައެވެ. އަދި މި ތަމްރީނުގައި ދިވެހި ގައުމީ ޔުނިވަރސިޓީ ބައިވެރި ކުރުމުގެ މަޤްސަދަކީވެސް މިކަމުގައި ދިވެހިރާއްޖޭގެ ފަންނީ ޤާބިލްކަން އުފެއްދުމާއި ދެމެހެއްޓެނިވިގޮތެއްގައި ޓެކްނޯލޮޖީ ބޭނުންކުރާނެ ޖީލެއް ބިނާކުރުންކަމުގައިވެސް ވިދާޅުވިއެވެ.

މި ހަފްލާގައި ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތާއި، ޕަރމަނަނަންޓް ސެކްރެޓަރީ އަޙްމަދު ޝަރީފް ނަފީސް އަދި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާއާއި ދެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕޭމް ޓެކްނޯލޮޖީއަކީ، ކަނޑުއަޑީގެ ދިރުންތަކުގެ އަޑުތައް ރިކޯޑްކޮށް އެއަޑުތައް ސޮފްޓްވެއަރ އަކުން އެނަލައިޒްކުރުމަށްފަހު، ފަރުތަކުގެ ހާލަތު ދެނެގަނެ ޑޭޓާ ގޮތުގައި ރައްކާކޮށް ބެލެހެއްޓުމަށް މަގުފަހިވެއެވެ. މި ޓެކްނޯލޮޖީގައި ބޭނުންކުރަނީ ދިގު މުއްދަތަކަށް މޫދުގެ އަޑީގައި ބެހެއްޓޭގޮތަށް ފަރުމާކޮށް، މައިކްރޯފޯނާއި، ކޮންޓްރޯލްބޯޑް، ބެޓަރި އަދި މެމޮރީކާޑާއި އެކު ހަދާފައިވާ އާލާތްތަކެކެވެ. އަދި އަޑިތައް އެނަލައިޒް ކުރުމަށް ސޮފްޓްވެއަރ ބޭނުންކުރެވެއެވެ.

ޕޭމް ޓެކްނޯލޮޖީ ދުނިޔޭގައި ބޭނުންކުރާތާ ވަނީ އަހަރުތަކެއްވެފައެވެ. ނަމަވެސް ޓެކްނޯލޮޖީގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުވުމާއި، އަގު ހެޔޮވުމާއި، ފަސޭހައިން ލިބުމާއި ސަބަބުން، ޕޭމް ޓެކްނޯލޮޖީއަށްވަނީ ފަހަކަށްއައިސް ކޮންސަރވޭޝަން ދާއިރާގެ ސަމާލުކަން އިތުރުވާންފަށާފައެވެ. އަދި 2010 އަހަރުން ފެށިގެން މެރިން ބަޔޮލޮޖީއާއި ތިމާވެށި މޮނިޓަރ ކުރުމަށް އާންމުކޮށް ބޭނުންކުރަމުންދާ ޓެކްނޮލޮޖީއެކެވެ. މިއީ ދިވެހިރާއްޖޭގައި ފަރުތަށް އާލާކުރުމާއި ދިރުން އިއާދަކުރުމަށް މިޓެކްނޯލޮޖީ ބޭނުންކުރެވޭ ފުރަތަމަ ފަހަރެވެ.

މި ޕައިލެޓްގައި ހިމެނޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ، މެކްސީކޯގެ މެސޯ އެމެރިކަން ރީފް ސިސްޓަމް ގެ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް، ޕޭމް ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިރާސާކުރާ އޯޝަން ވޯލްޑް އޮފް ސައުންޑްގެ މެރީން ބައޮލޮޖިސްޓުންނެވެ. މި ތަމްރީނުގައި މިފަދަ މަސައްކަތެއް ރޭވުމާއި، މައުލޫމާތު ރިކޯޑްކުރަން އެންމެ އެކަށީގެންވާ ވަގުތުތައް ދެނެގަތުމާއި، އަޑުއެހުމަށް ބޭނުންވާ އާލާތްތައް ޕްރޮގްރާމްކުރުމާއި، ފީލްޑް މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ޑިވައިސްތައް ޑިޕްލޯއިކުރަންވާ ގޮތް ދަސްކޮށްދީފައިވެއެވެ.

މި ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާލެ އަތޮޅު ރަސްފަރި ފަރުގައެވެ. ކ. ރަސްފަރި ފަރަކީ ގުދްރަތީ ދިރުންތައްގިން އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް 19 އޯގަސްޓް 2019 ގައި މި ފަރުގެ އުތުރުފަރާތައް އާގުބޯޓެއް އުރި ވަރަށްބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. ގެންލުންލިބިފައިވާ ސަރަހައްދުގެ އާލާކުރުމަށްޓަކައި އީޕީއޭއިން "ރިސްޓޯ ރަސްފަރި" ނަމުގައި ހިންގަމުންދާ ޕްރޮޖެކްޓްގައި ޕޭމް ޓެކްނޯލޮޖީ ބޭނުންކުރުމަކީ އެ މަސައްކަތައް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެކެވެ.

އަދި ޑީމެޑް މަޝްރޫގެ މި ޕައިލެޓްގެ ތެރެއިން 7 އޭޕްރީލް އިން 28 އޭޕްރީލް 2025ގެ ނިޔަލަށްވަނީ ގެއްލުންލިބުނު ސަރަހަދާއި އަދި ކޮންޓްރޯލް ސަރަހައްދެއްގެ ބޭސްލައިން ސައުންޑް ޑޭޓާ ނަގާފައެވެ. މިގޮތުން ކޮންޓްރޯލް ސަރަހައްދުގެ އަޑުތަކާއި، ހަލާކުވެފައިވާ ސަރަހައްދުގެ އަޑުތަކާއި އަޅާކިއުމުން ފަރުގެ ދިރުން އާލާވާ މިންވަރު ދެނެގަނެވޭނެއެވެ.

މި ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބޭސްލައިން ޑޭޓާ ނެގައި ރައްކާކުރުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަންނަ ނުރައްކާތަކަށް ފިޔަވަޅުއެޅުމަށް ދުރާލާ ތައްޔާރުވުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފިޚަބަރު | 8 ދުވަސް ކުރިންމޫސުމަށް އަންނަ ބަދަލުތައް ދުރާލައި އަންގައިދޭ ނިޒާމެއް ފުވައްމުލަކުގައި ގާއިމްކުރަނީޚަބަރު | 20 ދުވަސް ކުރިންބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިޚަބަރު | 20 ދުވަސް ކުރިން