logo
ޚަބަރު

ކާރިސީ ހާލަތެއްގައިވެސް ސަރުކާރުގެ ހިންގުން މެދުނުކެނޑި ކުރިއަށްދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލަނީ

އާމިނަތު ޝަފާ
5 މޭ 2025 - 04:30
ކާރިސީ ހާލަތެއްގައިވެސް ސަރުކާރުގެ ހިންގުން މެދުނުކެނޑި ކުރިއަށްދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލަނީ

ޑިޖިޓަލް ނިޒާމެއްގައި ސަރުކާރު ހިންގާއިރު ދިމާވާ، ކާރިސީ ޙާލަތެއްގައި ސަރުކާރުގެ އޮފީސްތަކުގެ މުވާސަލާތީ ވިއުގަ ހުއްޓިދާނެ ފަދަ ހާލަތެއްގައި ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށްދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިޖިޓަލް ސަރުކާރެއް ޤާއިމުކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)އިންވަނީ މުވާސަލާތީ އިންފްރަސްޓްރަކްޗަރތަކުގެ މައްޗަށް ސަރުކާރުގެ އޮފީސްތައް ބަރޯސާވެފައިވާ ނިޒާމެއް ޤާއިމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިޒާމުގެ ތެރެއިން، އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ކާރިސީ ޙާލަތެއްގައި ސަރުކާރުގެ އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިންވަނީ ފައްޓަވާފައެވެ.

މި މަސައްކަތަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް)ގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އެން.ސީ.އައި.ޓީއަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ "ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް"އާއެވެ. ކޭ.ބީ.އެސް.އެލް އަކީ 1987އިން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.

މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެން.ސީ.އައި.ޓީގެ އިސްވެރިޔާ އަދި މިނިސްޓަރ އޮފް ސްޓޭޓް ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، ކްރިޝާން ޕެރޭރާއެވެ.

މި މަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ 45525 ޑޮލަރަށް 4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހެއެވެ.

އެގޮތުން މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި، ޤުދްރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ޕްލޭނެއް ތަންފީޒުކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްޤީކުރަން ބޭނުންވާނެ ތަމްރީނުތައްވެސް ކަނޑައެޅިގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އަދި މިފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ އެކި އިދާރާތަކުން ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ އެންމެ އެއްއިދާރާއަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފިޚަބަރު | 4 ދުވަސް ކުރިންމޫސުމަށް އަންނަ ބަދަލުތައް ދުރާލައި އަންގައިދޭ ނިޒާމެއް ފުވައްމުލަކުގައި ގާއިމްކުރަނީޚަބަރު | 16 ދުވަސް ކުރިންބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިޚަބަރު | 17 ދުވަސް ކުރިންސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 4 މަސް ކުރިން