ރާއްޖެއަކީ އަބަދުވެސް ހިތްހެޔޮކަމާއި މެހުމާންދާރީ އަދާކުރުމުގައި މަޝްހޫރު ޤައުމެއް


31 މޭ 2025 - 16:17
ރާއްޖެއަކީ އަބަދުވެސް ހިތްހެޔޮކަމާއި މެހުމާންދާރީ އަދާކުރުމުގައި މަޝްހޫރު ގައުމެއް ކަމަށާއި، ސަރުކާރުން މަސައްކަތްކުރާނީ އެ ތަސަައްވުރު ދަހަމަހައްޓަން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސްރީލަންކާގެ "ދަ ސިލޯން ޓުޑޭ" ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
"އިންޑިއާކަނޑުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫ އަރާ ގޮތަަށް، މިސަރަހައްދު ނަހަމަގޮތުގައި ބޭނުންކުރަން ގަސްދުކޮށްގެން ކުރާ މަަސައްކަތްތަކަށް ދިވެހިރާއްޖޭން ފުރުސަތެއް ނުދޭނެ. އަޅުގަނޑުމެން އަބަދުވެސް އަމާޒަކަށް އޮންނާނީ ސަރަހައްދުގެ ސުލްހައާއި ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް، ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކާ އެކުގައި ވެސް ރަނގަޅު ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ބޭއްވުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު މިމޭރުމުން ވާހަކަފުޅުދެއްކެވީ ޗައިނާގެ ދިރާސާ އުޅަނދެއް ސްރީލަންކާގެ ސަރަޙައްދަށް ވަނުން މަނާކޮށްފައި ވަނިކޮށް، ރާއްޖޭގެ ސަރަޙައްދަށް ވަންނަން އެއުޅަނދަށް ހުއްދަ ދިނީ ކީއްވެތޯ ސިލޯނު ޓުޑޭގެ ބަސްދީގަތުމުގައި ސުވާލު ދެންނެވުމުންނެވެ.އެ ސުވާލަށް ވަަރަށް ތަފްސީލުކޮށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ އެއްވެސް ގައުމަކާ ޚިޔާލުތަފާތުވާން ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ. އެ ނިންމުމުން ދޭހަކޮށްދެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭން އެފަދަ ކަންކަމުގައި ގޮތް ނިންމަނީ މިނިވަންކަމާ އެކުގައިކަމެވެ.
ރައީސް ވިދާޅުވީ ޖޯގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމާއެކު އިންޑިއާ ކަނޑުގެ ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ގޮތަށް، ރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަަމަށެވެ.އެހެން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އިހުތިރާމާއި ހަމަހަމަކަމާއެކު ދެއްވާނެކަމަށާ އެއީ ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ރާއްޖޭން ތާއީދުކުރާތީކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
9 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
9 މަސް ކުރިން
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި
9 މަސް ކުރިން