ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ އެޕެއް ނެރެފި
16 އޭޕްރީލު 2025 - 09:28

ޙާޖީ އެމްވީގެ ނަމުގައި ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އެޕެއް ނެރެފިއެވެ.
ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއް ކަމުގައި އިސްލާމީ ކަންތައްއަކާ ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެއެވެ. މިއީ މި އެޕްގެ ފުރަތަމަ ވާރޝަންއެވެ.
މި އެޕް އަދި އިތުރަށް ތަރައްޤީކުރެވިގެން ދާނެކަން ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެއެވެ.
ސަރުކާރުން ދަނީ ހައްޖާއި އުމްރާއަށް ދާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބިފައިވަނީ ހާއްސަ އިމްތިޔާޒުތަކެކެވެ. އެގޮތުން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހުނީ އެންމެ ތިން މިނެޓެވެ.