މާލޭ ދާރުލްއަރްޤަމާއި ހުޅުމާލޭ ދާރުއްސަލާމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
23 ޖުލައި 2025 - 10:39

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލް އަރުޤަމްއާއި ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.
މާލޭގައި ދާރުލް އަރުޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައިއެވެ. އަދި ހުޅުމާލޭގައި ދާރުއްސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) އެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއަށް ލިންކު މެދުވެރިކޮށް ފޯމު ހުށައަޅުއްވަން ޖެހޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3020252 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާފައިވެއެވެ.
ދާރުލް އަރުޤަމް ވަޤުފް އިމާރަތާއި ދާރުލް ސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުއެވެ. މި ދެ މަޝްރޫޢު ނިމުމާއެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.