ކުޅުދުއްފުށިން ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަަދައިފި
އަޙްމަދު ޒަލީފް
20 ސެޕްޓެމްބަރު 2024 - 09:27

ކުޅުދުއްފުށީ ފަޅު ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ފަޅުތެރޭގައި މި މަހުގެ 11 ވަނަ ދުވަހު އޮއްވާ ފެނުނު އުމުރުން 36 އަހަރުގެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ގެންދިޔައީ އިންޑިއާއަށެވެ.
އެ މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ނެތް ކަމަށްވެއެވެ. އޭނާ ނިޔާވީ ކިހިނެއް ކަމެއް ވެސް އަދި ނޭނގެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެވިފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އެރަށު ޑޭޒީފެހިގެ މުހައްމަދު ހަސަނެވެ.
އޭނާގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.