8 މަހުގެ ތުއްތުކުއްޖަކު އައިޖީއެމްއެޗްގެ އިހުމާލުން ނިޔާވިކަމަށް ބުނާ މައްސަލަ ބަލަނީ


29 ޖޫން 2025 - 06:57
8 މަހުގެ ތުއްތުކުއްކަކު ނިޔާވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިހުމާލުން ކަމަށް ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕީޓަލްސްގެ ސީއީީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް "މެންދުރުޓިވީ"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ހިނގި ގޮތް، އެ ހޮސްޕިޓަލުން ބަލަމުންދާކަމަށެވެ.
ނިޔާވި ކުއްޖާގެ އާއިލާ މެމްބަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، މި މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ކުއްޖާ އައިޖީއެމްއެޗުގެ އެމަޖެންސީއަށް ގެންދިޔައީ، މާ ބޮޑަށް ކެއްސައި ހޮޑުލައި އާދަޔާހިލާފަށް ރޯތީ އެވެ.
އެ ޕޯސްޓްގައިވާގޮތުން އަށް މަހުގެ އެ ކުއްޖާއަކީ، ކުރިން ސިއްޙަތު ރަނގަޅުކުއްޖެކެވެ. އެ ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވާން ފެށުމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމަށްފަހު، ތިންވަނަ ފަހަރު ހޮސްޕިޓަލަށް ގެންދިޔުމުން އެޑްމިޓް ކުރެވުނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ އެ ކުއްޖާގެ ހަށިގަނޑު ދުޅަވެ ފުފެން ފެށުމުން، ޑޮކްޓަރުން އެކި ޓެސްޓުތައް ހެދި ނަމަވެސް، އޭގެ ނަތީޖާތައް އާއިލާއާ ހިއްސާކޮށްފައެއް ނުވާކަމަށް އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނި ގޮތުގައި، ޑޮކްޓަރުން އާއިލާއަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ހަމައެކަނި ލިވާގެ އެންޒައިމް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮއްވައި އެއްވެސް ބައްޔަކަށް ޑައިގްނޯސް ނުކުރެވުމުން، އާއިލާގެ އެދުމުގެ މަތިން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ބެލިއިރު، ލިވާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބުނެ، ބޭރަށް ދިއުމަށް ލަފާދިންކަމަށް ވެސް އާއިލާއިން ބުންޏެވެ. އާއިލާގެ ފަރާތުން ކުއްޖާގެ ދައްތަ ބުނިގޮތުގަައި، އާސަންދަ އާއި އެންސްޕާގެ ކަންކަން ހަމަޖެހުނު އިރު ކުއްޖާ ވަނީ ނިޔާވެފައެވެ.
އާއިލާއިން ވަނީ ކުއްޖާ ނިޔާވި ވަގުތު ވެސް ސީޕީއާރް ދިނުމުގައި، ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ކަމާބެހޭ އިދާރާތަކަށް އާއިލާގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
10 މަސް ކުރިން
ކުޅުދުއްފުށިން ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަަދައިފި
10 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
9 މަސް ކުރިން