ކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމް
5 ޖުލައި 2026 - 15:01
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އާންމުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށާއި، އެ ތަނުން ދެނީ ނަމޫނާ ޚިދުމަތެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ސީއީއޯ ޙަލީމް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް ތަން ކަމަށެވެ. އެ ސެންޓަރުން ފޯރުކޮށްދެމުންދަނީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ނަތީޖާއަކީ އާންމުންގެ މެދުގައި ބޮޑު އިތުބާރެއް ގާއިމްކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލި މީހުންނަށް ލިބުނު ލުއިފަސޭހައެއް،" ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި، މި ދާއިރާއިން ގާބިލް މީހުން ބިނާކުރުމުގައިވެސް ސެންޓަރުން މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތްލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ޙަލީމް ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ކެތްލެބެއް ގާއިމްކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ޖާގަ ލިބުނުހާ އަވަހަކަށް ރާއްޖޭގެ އުތުރުގައިވެސް މި ޚިދުމަތް ފަށާނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކަށް ދޭ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


