މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަނީ
29 އޮކްޓޯބަރު 2026 - 06:57

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް، އަދި ހަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރުމަށް "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމުން ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށެވެ.
އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި، ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާ ކުރުމާއި އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ހިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫއެއް ނޫންކަންވެސް ހާމަކުރައްވާފަ އެވެ.
މި ބަދަލާއެކު، ސަރުކާރު ހަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހިދުމަތްތަކަށް ހާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިބެ ހިދުމަތް ފޯރުކޮށްދިނުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށް ދިނުންކަމުގައި ރައީސް ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
