ސިއްހީ ދާއިރާ އާ ހަރުފަތަކަށް: އެކި ދާއިރާތަށް ހާއްސަ 16 ދިވެހި ޑޮކްޓަރުން އައި.ޖީ.އެމް.އެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިއްޖެ
23 ޖުލައި 2026 - 16:13

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޚިދުމަތް ކުރުމަށް، ތަމްރީނު ފުރިހަމަކުރި 16 ދިވެހި ޑޮކްޓަރުން އެ ހޮސްޕިޓަލްތަކާ ގުޅިވަޑައިގެންފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރަށްވަމުން ސީއީއޯ ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރައްވައި ޚިދުމަތާ ގުޅިވަޑައިގެންނެވި މި ޑޮކްޓަރުންގެ ކާމިޔާބީއަކީ އެމްސީޖީއެޗްގެ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންނަށް އެމްސީޖީއެޗް ގެ ފަރާތުން ވަނީ އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވާފައެވެ.

Ad by Hajj Corporation
ޚިދުމަތާ އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
މީގެ އިތުރުން، ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.
ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ އާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި ދުރުވިސްނުންފުޅަށްޓަކައި ސީއީއޯ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްސީޖީއެޗްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވައި، ހޮސްޕިޓަލުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.


