ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުން އިތުރުވަމުންދާތީ، ސިއްހީ މާހިރު ކަންބޮޑުވުން ފާޅުކޮށްފި
30 އޮކްޓޯބަރު 2026 - 13:04

ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުން އިތުރުވަމުންދާތީ، އެކަމާ މެދު ސިއްހީ މާހިރުން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލަށްދެއެވެ. ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތަކާ ގުޅިގެން އައިޖީއެމްއެޗްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މިކަން ވަނީ ފާހަގަކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގައި 2022 ވަނަ އަހަރުން ފެށިގެން ޑިސެމްބަރު 15، 2024 ގެ ނިޔަލަށް ސްޓްރޯކް ޖެހިގެން 493 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ހަމައެކަނި 2024 ވަނަ އަހަރު އެކަނިވެސް 151 މީހުން ވަނީ ސްޓްރޯކްގެ ސަބަބުން މަރުވެފައެވެ.
ސިކުނޑި އާއި ނާރުގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް ސްޓްރޯކް ޖެހިގެން މީހުން އާދެއެވެ. އަދި ސްޓްރޯކެއް ޖެހިއްޖެ ނަމަ ފުރާނަ ސަލާމަތްކޮށް ހާލަތު ރަނގަޅުކުރުމަށް އެންމެ މުހިއްމު ކަމަކީ އަވަހަށް ފަރުވާ ހޯދުމެވެ. އެގޮތުން ސްޓްރޯކް ޖެހޭތާ ލަސްވެގެން 4 ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ ބަލިމީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓްރޯކްގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން، އަދި އެއްލޮލުން ނުވަތަ ދެލޮލުގެ ފެނުން ފުސްވުން ނުވަތަ ޑަބަލްކޮށް ފެނުން ހިމެނެއެވެ. މީގެ އިތުރުން ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ ތިރިވުމާއި، އަތް ނުވަތަ ފައިގެ ވާގިދިއުމާއި، ވާހަކަދައްކާއިރު ދޫ އޮޅުން ނުވަތަ ބުނާ އެއްޗެހި ސާފުނުވުން ފަދަ ކަންކަމަކީ ސްޓްރޯކްގެ ނުރައްކާތެރި އަލާމާތްތަކެވެ.

-01.jpg&w=3840&q=75)
