ޓިކްޓޮކްގައި ދިވެހިންނަށް ހުތުރުކުރަމުންދިޔަ 'ޔާޔާ' އުމުރަށް ޖަލަށްލައިފި

7 ޖުލައި 2025 - 08:00

ޓިކްޓޮކްގައި ބޭއަދަބީ އަމަލުތައް ހިންގާ މުހައްމަދު ނަބީލް (ޔާޔާ) އާއި އާދަމް މުހައްމަދު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށްލައި، ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.
މި ދެ މީހުން ކުރި ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި ދެ މީހުންގެ މައްޗަށް ދަޢުވާކޮށްފައި ވަނީ 2017 ވަނަ އަހަރު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭ މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކޮޓަރިއަކުން 20.7422 ގްރާމް ކެނަބިސް ފެނުނު މައްސަލައަކާއި، ޔާޔާގެ ގެ ކަމަށްވާ ގ. ކަމަރާއިން 231.3015 ގްރާމް ކެނަބިސް ފެނުނު މައްސަލައެއްގަ އެވެ. ދެ ތަނުން ވެސް މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ދެ ކައްޓާ ވެސް ފެނިފައިވެ އެވެ.
ކޯޓުގައި ޔާޔާ ވަނީ އޭނާގެ ގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށް ބުނެ އެކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ވިޔަފާރި ނުކުރާ ކަމަށް އިންކާރުކުރި އެވެ. އާދަމް މުހައްމަދު ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް، ހެކިތަކަށް ބެލުމަށް ފަހު ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދެ މީހުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޔާޔާ އަކީ މީގެ ކުރިން ވެސް އެކިފަހަރުމަތިން މަސްތުވާތަކެތީގެ މައްސަލަތަކާއި، އެހެނިހެން ކުށުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ޓިކްޓޮކްގައި ބަރަހަނާވި މައްސަލައެއް ހިމެނެ އެވެ. އެ މައްސަލައިގައި އޭނާ ވަނީ އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ.
ޓިކްޓޮކްގައި އޭނާގެ ބޭއަދަބީ އަމަލުތަކާ ގުޅިގެން އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ. މިފަހަރުގެ ހުކުމާ ގުޅިގެން، ޓިކްޓޮކްގައި ދިވެހި މުޖުތަމަޢަށް ހުތުރުކުރަމުންދިޔަ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ޔާޔާގެ މި އަމަލުތަކަށް ނިމުމެއް އައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.