މަގޫދޫ އެއާޕޯޓަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ ޝައްކު ކުރެވޭ މީހުންނާ ސުވާލުކުރަނީ
14 ޖުލައި 2025 - 07:18

ފ. މަގޫދޫގައި މިހާރު ހަދަމުން އަން އެއާޕޯޓް އަށް ބަޔަކު ގެއްލުން ދިން މައްސަލާގައި އެކަމުގައި ޝައްކުކުރެވޭ މީހުންނާ ފުލުހުން ސުވާލު ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ނައިބު ރައީސް އަބްދުލްހަމީދު މޫސާ ވިދާޅުވެއްޖެ އެވެ.
ފ. މަގޫދޫގައި މިހާރު ހަދަމުންގެންދާ އެއަރޕޯރޓްގެ ފަޔަރ ބިލްޑިންއަށް ބަޔަކު ވަދެ އެތަނުގައި ހުރި ބިއްލޫރި ދޮރުތައް ތަޅާލާ ގެއްލުންތަކެއްދީ، އެއިމާރާތުގައި ރޯކޮށްލަން ރޭގެ ވަގުތެއްގައި ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.
މަގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްހަމީދު މޫސާ މެންދުރު ޓީވީ އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި މިހާރު ހަދަމުން އަންނަ އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ތަޅާލާ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ސީލިންގް ގައި ޖަހާފައި ހުރި ފިލާތައް ނައްޓާ އެތެރެއަށް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުލްހަމީދު މޫސާ ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ޝައްކުކުރެވޭ މީހުންނާ ފުލުހުން ސުވާލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެވަގުތު އެސަރަހައްދުން ދުވެފައި ދިޔަ ބަޔަކާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މީގެ ދެ ތިން ދުވަސް ކުރިން ރަށަށް އަޅާ އުޅުނު "ގޮތް ނޭންގޭ" ބަޔަކާވެސް ފުލުހުން ސުވާލުކުރަމުން އަންނަ ކަމަށް އޭނާ މައުލޫމާތު ދިނެވެ. އަބްދުލްހަމީދު މޫސާ ވިދާޅުވީ އެހެން ރަށަކުން އައިސްއުޅުނު ގޮތް ނޭންގޭ ބަޔަކު މީގެ ދެ ތިން ދުވަސް ކުރިން މަގޫދޫއަށް އަރާ އުޅުނު ކަމަށެވެ. އެހެންވެ އެ މީހުން ރަށަށް އަރާ އުޅުނީ ކޮންބޭނުމަކުތޯ އާއި މަގޫދޫގައި އެ މީހުންނަ ގުޅުން އޮންނަނީ ކޮންބަޔަކާތޯ ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުލްހަމީދު މޫސާ ވިދާޅުވީ އެއާޕޯޓުގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރީ ކީއްވެ ކަމެއް ނޭންގޭ ކަމަށެވެ. އެތަނުގެ ސީލިންގް ގައި ޖަހާފައި ހުރި ސިމެންތި ފިލާތައް ހަލާކު ކޮށްލާ ގޮނޑިއެއްގައި ރޯކޮށްލުމަށްފަހު އެތެރެއަށް އެއްލާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަރޕޯރޓްގެ މިހާރު ހަދާފައިވާ ސްޓްރަކްޗަރތަކުގެ ތެރެއިން ޓާމިނަލްގައި އަދި ހަމައެކަނި ނިމިފައި ހުރީ ސިމެންތިގެ މަސަްްކަތްތަކާއި ދަގަނޑުގެ މަސައްކަތްކަމުން އެއިމާރާތާއް މާބޮޑު ގެއްލުމެއްދީފައެއް ނުވެއެވެ. ނަމަވެސް އެއަރޕޯރޓުގެ އޭޓީސީ ޓަވަރ/ ފަޔަރ ބިލްޑިންގް އިމާރާތުގެ ގްރައުންޑް ފްލޯގެ ވަށައިގެން ޖަހާފައިވާ ހުރިހާ ބިއްލޫރިތަކެއްް ވަނީ ތަޅާލާފައެވެ. މި ބިއްލޫރިތައް ތަޅާފައިވަނީ ގާއުކައިގެންނެވެ.