ފުލުހުންގެ ތަޙުޤީޤަށް ދެ މީހަކު ހޯދަނީ
20 ޖުލައި 2025 - 06:17

ދެމައްސަލައެއްގައި ހިމެނޭ ދެމީހަކު ފުލުހަށް ހާޒިރުވާން އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުލުހަށް ހާޒިރުވާން އިއުލާން ކުރަނީ ސ. ހިތަދޫ / އުޖާލާ، އާމިނަތު ޝިފްޒާ އާއި ޅ. ކުރެންދޫ / ކޯރަމް، ޢަލީ މަދީޙް ކަމަށެވެ.
މީގެ ތެރެއިން މަދީޙްއަކީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 27 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާންގައި ވަނީ އަންގާފައެވެ.
މީގެ އިތުރުން އާމިނަތު ޝިފްޒާ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ޖުލައި 27 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާންގައި ވަނީ އަންގާފައެވެ.
މިދެމީހުން ވެސް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ބުނުން ފިޔަވައި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.