މާފަރުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
21 ޖުލައި 2025 - 05:15

ނ.މާފަރުގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ.
މާފަރުގައި އަލަށް ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާފަރުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިމަޝްރޫޢުގެ ބިންގާ އެޅުއްވުމަށް ފަހު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަޒީރު ފައްޓަވައިދެއްވިއެވެ.
މާފަރުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ- އެމްޓީސީސީ އާއެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް ގާއިމުކުރުމެވެ. އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައި ހިދުމަތްދޭންވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.