ޗުއްޓީއަށް ފުރާމީހުން ހޭލުންތެރިކުރުވަން ފުލުލުންގެ ހާއްސަ ޕްރޮގްރާމެއް
24 ޖުލައި 2025 - 07:52

ސްކޫލް ބަންދާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް“ސޭފް ހޮލިޑޭސް” ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ، މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މިމަހުގެ 22 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފުލުހުން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.
"ސޭފް ހޮލިޑޭސް"ގެ ތެރެއިން މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ކިޔައިދެއްވާފައެވެ.
މީގެއިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތްތަކާމެދު އާންމުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާތީ އެކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން މަގުތަކަށް ނިކުމެ، ސީދާ އުޅަނދުތައް ދުއްވާ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން ވެސް ފުލުހުން ގެންދަވަނީ ތަފާތު އެކި ހަރަކާތްތައް ހިންގަވަމުންނެވެ.