-01-40bb8a38.jpg)

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން ބޯހިޔާވަހިކަމަށް ލޯނު ލިބުމުގައި ސަރުކާރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެެވެ.
ވަޒީރު މިހެން ވިދާޅުވީ 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔައީ ލޯނު ނަގައިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން އެކަން އެގޮތަށް ކުރުމަށް އަދުގެ ސަރުކާރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު ކަށަވަރު ކުރުމަށް ސިޔާސަތުތައް ކަނޑައަޅައި، ކޮންމެ ޢާއިލާއަކަށްވެސް އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަން ތަނަވަންސްކޮށްދޭން މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން އެ ބޭންކާ ބިން ހަވާލުކޮށްފައިވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށާއި އެހެންވެ، އެ ބޭންކުން އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިންގ މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކުރީގެ މެނޭޖްމަންޓުތަކުން ސަރުކާރުތަކަށް އެއްބާރުލުން ނުދޭ މިންވަރަށް ބީއެމްއެލްގެ މިހާރުގެ މެނޭޖްމަންޓުން އަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވާކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ބީއެމްއެލްއިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި 2700 ހައުސިންގ ޔުނިޓު ގާއިމްކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ޔުނިޓުތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
-f499e0f4.jpeg)


