-01-40bb8a38.jpg)
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ -- އެމްއެންއޭސީއައި (މަސީ) އަށް 25 އަހަރު ފުރުމާ ގުޅިގެން ރިހިޔޫބިލް ފާހަގަކޮށްފި އެވެ.
ނަސަންދުރަ ބާސެލޯގައި މިރޭ ބޭއްވި "ސިލްވާ ޖުބިލީ ގާލާ" ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ބާނީންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން އެކި ބައިވެރިންގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.
މިރަސްމިއްޔާތުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް އާއި ކުރީގެ ވަޒީރު މައުރޫފް ޖަމީލް ވާހަކަފުޅު ދެއްކެވި އިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ތާރީހާ ކުރިއެރުންތައް ބަޔާންކޮށް އެކުލަވާލާފައިވާ "މަސީ ސިލްވާ ޖުބިލީ އިޔާ ބުކް" ވެސް ވަނީ ރަސްމީކޮށް ނެެރެފަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން މަސީގެ ފަރާތުން ޖުމްލަ ސިލްވާ ޖުބިލީ ޓްރޮފީގެ ގޮތުގައި 29 ޓްރޮފީއާއި، ކޯޕަރޭޓް ސްޕޮންސަރުންނާއި އެގްޒެކެޓިވް ބޯޑުގެ މެންބަރުންނަށް ޚާއްސަ ހަނދާނީ ފިލާ އަރުވާފައިވެ އެވެ. އެގޮތުން 20 އަހަރަށްވުރެ ދިގު މުއްދަތަކަށް އިމާރާތް ކުރުމުގެ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅުންނާއި ބާނީންގެ ތެރެއިން 18 ބޭފުޅަކަށް އެވޯޑު އަރުވާފައިވަނީ އަބްދުﷲ ކަމާލުއްދީން (ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ) އާއި، މައުރޫފް ޖަމީލް އަދި ރައީސް މުހައްމަދު އަލީ ޖަނާހް އެވެ.
މި އެވޯޑު ލިބިވަޑައިގެންނެވި ބާނީންގެ ތެރޭގައި އަބްދުﷲ މުހައްމަދު، މުހައްމަދު އަބްދުލް އަޒީޒް، އަހުމަދު އަލާއު އަލީ، އިބްރާހީމް ވަހީދު، ޖައުފަރު އީސާ އާދަމް، އިބްރާހީމް ރަޝީދު އަދި ހަސަން ވަހީދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ގިނަ ދުވަހު ހިދުމަތް ކުރެއްވި ވެރިންގެ ތެރެއިން މުހައްމަދު އަލީ ޖަނާހް، އަދުނާން ހަލީމް، އިބްރާހީމް މުތައްލިބް އަދި ސައުދުﷲ ހިލްމީގެ އަގު ވަނީ ވަޒަންކޮށްފައެވެ.
މީގެ އިތުރުން އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ކޮށްދީފައިވާ ޚިދުމަތްތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚާއްސަ އެވޯޑެއް ދީފައިވެ އެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެދެއްވި އެހީތެރިކަމަށްޓަކައި ދައުލަތުގެ އިސް ބޭފުޅުންގެ ތެރެއިން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް އުމަރު ޒާހިރު، މައުރޫފް ޖަމީލް، މުހައްމަދު އަސްލަމް، އަބްދުﷲ މުތައްލިބް، މުހައްމަދު ސައީދު އަދި އަބްދުﷲ ކަމާލުއްދީނަށް ވެސް ޚާއްސަ އެވޯޑު އަރުވާފައިވެ އެވެ.
ފަނަރަ އަހަރުގެ ޚިދުމަތުގެ އެވޯޑު މުހައްމަދު ސައީދަށް ހަވާލުކޮށްދެއްވީ ބާނީ އަދި ބޯޑު މެންބަރު އަބްދުﷲ މުހައްމަދެވެ. އަދި 10 އަހަރުގެ ޚިދުމަތާއި ޚާއްސަ އެހީތެރިކަމުގެ އެވޯޑު އަބްދުﷲ މުހައްމަދު އަދި މަސީގެ ނައިބު ރައީސް އަބްދުﷲ ޞާލިޙް ހަވާލުކޮށްދެއްވިއިރު، މި އެވޯޑުތައް ހަސަން ހަބީބު، އަމީން މުހައްމަދު، އަބްދުﷲ ޞާލިޙް އަދި މުހައްމަދު ޝާކިރަށް ވަނީ އަރުވާފައެވެ.
މީގެއިތުރުން ދާއިރާގެ މުހިންމު ބައިވެރިން ކަމަށްވާ ތިންކް އެސޯސިއޭޓްސް، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް، އަސަރީ ސާވިސަސް، އޫބާ އިވެންޓްސް އެންޑް އާޓިސްޓްސް، ޗޮޕާޓް އަދި މީޑިއަމް އިވެންޓްސްއަށް ވެސް ޚާއްސަ އެވޯޑު ދެވުނެވެ.
ގާލާގެ ކޯޕަރޭޓް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ނައިބް ރައީސް އަހުމަދު އަލާއު އަލީ ވަނީ ޕްލެޓިނަމް ޕާޓްނަރު ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް، ގޯލްޑް ޕާޓްނަރު އެލިއާ ކޮންސްޓްރަކްޝަން އަދި ސިލްވާ ޕާޓްނަރުން ކަމަށްވާ ދިވެހި އިންޝުއަރެންސް، ދަމާސް ކޮމްޕެނީ އަދި އަމީން ކޮންސްޓްރަކްޝަނަށް ހަނދާނީ ފިލާ އަރުވާފައެވެ. އަދި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ ޖަމިއްޔާ ހިންގެވުމުގައި ދެމިތިއްބެވި އެގްޒެކެޓިވް ބޯޑުގެ 22 މެންބަރަކަށް އަގުވަޒަންކުރުމުގެ ފިލާ އަރުވާފަ އެވެ.
މަސީ އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ އެންމެ އިސް ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މަގުސަދަކީ ދާއިރާގެ މިންގަނޑުތައް ހިފެހެއްޓުމާއި، ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމާއި، ދިވެހި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އުމްރާނީ ތަރައްގީ ފެތުރުމަށް ވަކާލާތުކުރުމެވެ.



