-01-40bb8a38.jpg)

ލަލީގާގެ މެޗުތައް އެމެރިކާގައި ކުޅުމަށް ރާވާފައިވާ ރޭވުންތަކާ ދެކޮޅަށް އެ ލީގުގެ ކުޅުންތެރިން ކުރި އިހުތިޖާޖަކީ ގާނޫނީ ގޮތުން ސައްހަ ހަރަކާތެއް ކަމަށް ނޭޝަނަލް ކޯޓުން ނިންމުމާ ގުޅިގެން، ލަލީގާގެ ރައީސް ހަވިއޭ ޓެބާސްއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މައްސަލަ އުފެދުނީ ލަލީގާގެ ވިލަރެއާލް އާއި ބާސެލޯނާ ބައްދަލުކުރާ މެޗު އެމެރިކާގެ މިއާމީގައި ކުޅުމަށް ލީގުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކުޅުންތެރިން ވަނީ މެޗު ފެށުމުގެ ކުރިން 15 ސިކުންތުގެ ވަގުތުކޮޅަކަށް ހުއްޓި ތިބެގެން އިހުތިޖާޖުކޮށްފައެވެ.
ލަލީގާގެ ފަރާތުން ކޯޓުގައި ވަކާލާތުކޮށްފައިވަނީ މިއީ ސިއްރުން ހިންގި "ސްޓްރައިކެއް" ނުވަތަ މަސައްކަތް ހުއްޓާލުމުގެ އަމަލެއްގެ ގޮތުގައެވެ. ނަމަވެސް ކޯޓުން އެ ދައުވާ ބޭރުކޮށްލަމުން ކަނޑައެޅީ، މިއީ ޔޫނިއަންގެ ހައްގުތަކާ ގުޅިފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުޅުންތެރިންނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ.
ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުޅުންތެރިން 15 ސިކުންތަށް މެޗު މެދުކަނޑާލުމަކީ މެޗު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް އެޅުނު ކަމެއް ނޫނެވެ. އަދި އެ ވަގުތުކޮޅަށް ފަހު އެއްވެސް މައްސަލައެއް ނުޖެހި މެޗު ފުރިހަމަކޮށްފައިވާކަން ކޯޓުން ފާހަގަކުރިއެވެ.
މި ނިންމުމަކީ ކުޅުންތެރިންގެ އިހުތިޖާޖުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެބާސް ކުރެއްވި މަސައްކަތަށް ލިބުނު ވަރުގަދަ ހީނަރުކަމެކެވެ. މިއާއެކު، ލީގުގެ މެޗުތައް ގައުމުން ބޭރުގައި ބޭއްވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.






