-01-40bb8a38.jpg)

ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކާރާ އައިލެންޑްސް މޯލްޑިވްސްގައި ވެލަޔަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޓާޓަލް ހެލްތު އިންސްޓިއުޓް" އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަރުކަޒަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ގާއިމުކުރި ތަނެކެވެ.
މިއީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެސް ވެލާ ކަހަނބަށް ހާއްސަކޮށްގެން އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) ގާއިމުކުރި ފުރަތަމަ މަރުކަޒެވެ. މި އިންސްޓިއުޓްގެ ސަބަބުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަރުކަޒުގެ ގާބިލުކަމަށް ބަލާއިރު، އެއް ފަހަރާ ހަތް ވެލަޔަށް ފަރުވާ ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މަރުކަޒު ހުޅުވިއިރު ވެސް ހަތް ވެލަޔަކަށް އެތަނުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިތަނުގައި ވެލާތަކަށް ބޭނުންވާ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއި، އެކްސްރޭ ރޫމްގެ އިތުރުން ރިހެބިލިޓޭޝަން ޓޭންކްތައް ވެސް ގާއިމުކޮށްފައިވެއެވެ.
މި މަރުކަޒުގެ މައިގަނޑު މަގްސަދަކީ އެކި ސަބަބުތަކާ ހުރެ އަނިޔާލިބޭ ވެލާތަކަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމެވެ. އަދި ފަރުވާއަށްފަހު ވެލާތަކުގެ ސިއްހަތު މުޅިން ރަނގަޅުވުމުން، އެ ތަކެތި އަލުން އޭގެ ގުދުރަތީ މާހައުލު ކަމަށްވާ ކަނޑަށް ދޫކޮށްލުމަކީ މި މަޝްރޫއުގެ މުހިންމު އަމާޒެކެވެ.
-6e533dee.webp)


