-01-40bb8a38.jpg)

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަށް ސްނޯކަލިންގ އަދި ޑައިވިންގ އަށް ފަތުރުވެރިން ގޮވައިގެން ވަދެވޭނީ ހަމައެކަނި ޕްރޮޕެލާގާޑު ހަރުކޮށްފައިވާ ނުވަތަ ޖެޓް އިންޖީނުލީ އުޅަނދުފަހަރަށް އެކަނި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ 31 ޑިސެންބަރަށްފަހު މި އުސޫލާ ހިލާފަށް ޕްރޮޕެލާގާޑު ހަރުނުކޮށް އެ ސަރަހައްދަށް ވަންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ ސަމްޕާއަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދަކަށްވާއިރު، މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި އުޅޭ ކަނޑުގެ ދިރޭތަކެތި ރައްކާތެރިކުރުމެވެ.
މީގެ އިތުރުން، މި ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މިއަހަރު ފުލުހުންވެސް ހަރަކާތްތެރިވާން ފަށާފައިވާއިރު، އެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށްވުމާއި ރަޖިސްޓްރީކޮށްފައިވާ ގައިޑެއްގެ އެހީތެރިކަން ހޯދުން ވަނީ ލާޒިމުކޮށްފަ އެވެ. ހަމައެއާއެކު، ސަމްޕާ ސަރަހައްދަށް ވަނުމުގެ ކުރިން ސަރަހައްދު ބަލަހައްޓާ ފަރާތްތަކަށް އެންގުމަށާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ވަގުތު 'ލައިވް ލޮކޭޝަން' ފުލުހުންނާ ހިއްސާކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.



