-01-40bb8a38.jpg)
ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށް ރަށްރަށުގައި ބޭނުންކުރުމަށް ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާފައިވާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށް، އިތުރު ފަސް ރަށަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި ޕަމްޕުތަކަކީ ޖަޕާނުގެ ގްރާންޓު އެހީގެ ދަށުން ހިންގާ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ޕަމްޕުތައް ހަވާލުކޮށްފައިވަނީ އއ. ފެރިދޫ، ތ. ކަނޑޫދޫ، ރ. އިނގުރައިދޫ، މ. މުލައް އަދި ކ. ކާށިދޫ ކައުންސިލާއެވެ. މި ރަށްރަށުގެ އިތުރުން އެހެން ފަސް ރަށެއްގެ ކައުންސިލާއެކު ވެސް ޕަމްޕު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ކައުންސިލަކަށް ދެ ޕަމްޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި މި ޕަމްޕުތަކުގެ ބޭނުމަކީ ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ރަށްރަށުގެ ކާރިސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިޖާބަދިނުމުގެ ބާރުވެސް މިކަމުގެ ސަބަބުން ވަރުގަދަވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި އެންޑީއެމްއޭ އިން ވަނީ ރާއްޖޭގެ ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށާއި ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނު ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެމުންގެންދާ މެދުނުކެނޑޭ އެހީތެރިކަން ފާހަގަކޮށް، އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ.




