-01-40bb8a38.jpg)

މާފަންނު ޖާޔާކުޝަން ކައިރި ހުރި އިމާރާތުގެ އިތުރުން މާލޭ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ކަލާފާނު ސްކޫލް ކައިރީ ހުރި ގެ އެއްގަޔާއި، ގ. ހުދުރުވާގޭގަ އެވެ. ކަލާފާނު ސްކޫލު ކައިރީގައި އަލިފާން ރޯވި ސަރަހައްދަށް އެމްއެންޑީއެފުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގ. ހުދުރުވާގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ. އެ އިދާރާއިން ބުނީ އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެންޑީއެމްއޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުން ކޮޓަރިއެއްގެ އެނދާއި އޭސީ ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އަލިފާނުގެ ސަބަބުން މުޅި އެ ސަރަހައްދަށް ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.
މާފަންނު ޖާޔާކުޝަން ކައިރި ރޯވި އިމާރާތަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެކެވެ. އެތަނުގައި ހިފި ހުޅުގަނޑު މައިތިރި ކޮށްފައިވި ނަމަވެސް، އަދިވެސް ދުން އަރަމުންދާތީ ފަޔަ އެންޑް ރެސްކިއު ޓީމުން އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.






