-01-40bb8a38.jpg)

ރައްޔިތުންގެ ދުޅަހެޔޮކަމާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަަސަން ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ މުހިންމު ނިންމުންތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ.
އެގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލްތައް ހިމެނޭހެން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ގާއިމުކުރުމަށް ބަޖެޓުގައި އިސްކަންދީފައިވެ އެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމާއެކު، އަސާސީ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރުގެ ބަޖެޓް ބަޔާނުގައި ވަނީ ފާހަަގަކުރައްވާފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ޑެކޯ ޗެމްބަރ، އެކްސް-ރޭ، ސީ.ޓީ ސްކޭން، އެމް.އާރް.އައި ގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްވެސް ބަޖެޓް ކޮށްފައިވެ އެވެ. އަދި ދަތުގެ ފަރުވާ، ކަރުންމަތީގެ ބަލިތައް، އަންހެނުންގެ ބަލިތަކާއި ވިހެއުމާއި ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް ބަޖެޓްގައި ފައިސާ ހިމަނާފައިވެ އެވެ. މީގެއިތުރުން އެހެނިހެން ސްޕެޝަލައިޒްޑް ޚިދުމަތްތައް ސަރަހައްދީ ފެންވަރުގައި ފުޅާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.


