-01-40bb8a38.jpg)

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ މުހިންމު ސިޔާސަތެއްގެ ދަށުން، ގައުމީ ފެންވަރުގައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށާއި ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތަފުޞީލު ހާމަކުރެއްވި އެވެ. އެގޮތުން، ރައްކާތެރިކަމާއެކު ދައުލަތުގެ ޑޭޓާ ރައްކާކޮށް ބެލެހެއްޓުމަށް 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' ޤާއިމުކުރާނެ ކަމަށް އިއުލާންކުރެއްވި އެވެ. މީގެއިތުރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ 'ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް' ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފުކުރައްވާނެ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޒަރީރު ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ އެހީ ހޯދަންޖެހިފައިވާ ކަމަށެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމށް ވިދާޅުވި އެވެ. އަދި މި ނިޒާމާ ގުޅިގެން، ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކުރުމަށް 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި މަޝްރޫއުތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަ ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.


