-01-40bb8a38.jpg)

ހައި ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ.
ހައިކޯޓުގައި މިހާރު ތިއްބަވަނީ އިސް ފަނޑިޔާރާ އެކު ޖުމުލަ 11 ފަނޑިޔާރުންނެވެ. ސަރުކާރުން ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުމަށެވެ. މިއިސްލާހު ފާސްވެ އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުމަށްވެސް ލާޒިމުކޮށްފައިވެ އެވެ.
މިބިލަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭނާއި ކޯޓުތައް ހިންގުމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި، އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވަންޖެހޭ ގޮތަށް "ޖުޑީޝަލް ކައުންސިލް"ގެ ނަމުގައި ވަކި ކައުންސިލެއް ގާއިމުކުރަން ހުށަހަޅާފައިވެ އެވެ۔ މި ކައުންސިލް އެކުލެވިގެން ވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ އިތުރުން މެޖިސްޓްރޭޓުން ހިމެނޭ ގޮތަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ބޮޑެތި ބާރުތަކެއް ދިނުމަށްވެސް ބިލްގައި ހުށަހަޅާފައިވެ އެވެ. އެގޮތުން ޑީޖޭއޭ އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައެޅުމަށް ހިމަނާފައިވެ އެވެ. ޑީޖޭއޭގެ އިދާރީ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތްތައްވެސް ބިލްގައި ހިމެނެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި މެޖިސްޓްރޭޓުން ގާއިމުވެ ނުތިއްބަވާތީ އެ މައްސަލައަށްވެސް ބިލްގައި ހައްލުތަކެއް ހިމަނާފައިވެ އެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ގާއިމުވެ ހުންނަންޖެހޭނެ ކަމަށް ބިލްގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. މިއިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ގާއިމުވެ ތިއްބަވާ ގޮތަށް މެޖިސްޓްރޭޓުން އައްޔަންކުރުމަށް ބިލްގައި މަޖުބޫރުކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގައި ރަޖިސްޓްރާއިންނާއި އެސިސްޓެންޓް ރަޖިސްޓްރާއިން އައްޔަންކުރުމާއި އެ ބޭފުޅުން އުއްތަމަ ފަނޑިޔާރަށް ނުވަތަ އިސްގާޒީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށްވެސް ބިލަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
ކޯޓުގެ ހުރުމަތް ކަނޑާ މީހުންނަށް 25،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހާއި ތިން މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ދެވޭނެ ގޮތަށް ވެސް ބިލްގައި އިސްލާހެއް ހިމަނާފައިވެ އެވެ.
ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށްޓަކައި ދައުލަތަށް ކޮންމެ އަހަރަކު ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައި ދޫކުރުމަށްވެސް ބިލްގައި ހިމނާފައިވެ އެވެ.
މި ބިލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށާއި އެ ކޯޓުގެ މަސައްކަތްތަކާއި މުވައްޒަފުން ޑީޖޭއޭގެ ދަށަށް ބަދަލުކުރުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ.
ކޯޓުތަކުގެ ގާނޫނަށް މިއިސްލާހުތައް ހުށަހެޅީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި ޝަރީއަތްތައް އަވަސްކުރުމާއެކު އަދުލު އިންސާފަށް ވާސިލްވުމުގައި ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދައިދިނުމަށް ކަމަށް ބިލްގައި ބުނެފައިވެ އެވެ.



