-01-40bb8a38.jpg)

އަމީނީ މަގު މަރާމާތުކޮށް ތަރައްގީ
އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ 4 ވަނަ ސެގްމަންޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ 4 ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެމްޓީސީސީން ބުނީ މިހާރު މަރާމާތުކުރާ ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމަށްފަހު އަލުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ނިންމާލާފައިވަނީ 1 ވަނަ ސެގްމަންޓާއި 2 ވަނަ ސެގްމަންޓުގެ މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. އަދި 3 ވަނަ ސެގްމަންޓުގެ މަސައްކަތްވެސް މިހާރު ނިންމާލާފަ އެވެ.
އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

