-01-40bb8a38.jpg)

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓް ހޮޓަލުގެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައިފި އެވެ.
މި މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މި މަޝްރޫއު ނިމުމުން 500 ވަޒީފާ އުފެދޭނެ ކަމަށާއި އޭގެ 85 ޕަސެންޓް ހާއްސަކުރާނީ ދިވެހިންނަށް ކަމަށެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކޮށްގެން ނެރުމަކީ ވެސް އެޗްޑީސީގެ އަމާޒެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ޖުމުލަ 41,549.70 އަކަމީޓަރުގެ ބިމުގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 17,800 އަކަމީޓަރުގެ ސަރަހައްދެއްގައި ވޯޓާ ތީމް ޕާކު ތަރައްގީކުރާނެއެވެ. އަދި ބާކީ އޮތް 23,749.70 އަކަމީޓަރުގެ ބިމުގައި ބިނާކުރާނީ ޒަމާނީ ފެންވަރުގެ ރިސޯޓް ހޮޓަލެކެވެ.
ގާތް ގަނޑަކަށް 25 މިލިއަން ޑޮލަރުގެ އަގަކަށް 2017 ވަނަ އަހަރު މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ފެށި މި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ، އެއްބަސްވުން ބާތިލްކުރުމުގެ މައްސަލަ ކޯޓުތަކުގައި ހިނގައި 2023 ވަނަ އަހަރު ސުޕްރީމް ކޯޓުން އެޗްޑީސީއާ އެއްކޮޅަށް މައްސަލަ ނިންމުމާ ގުޅިގެންނެވެ.



