-01-40bb8a38.jpg)
ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށްގެންދާ "ސޭވް އެނާރޖީ" ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް"ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަންގައެވެ.
ކެމްޕޭން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ އަޒުވަރު ވިދާޅުވީ މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށާއި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން ފާހަގަކުރެއްވި އެވެ.
ޑރ. އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިސާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ.
ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށްވެސް އަޒުވަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ.





-3b396fa7.jpg)
-ccd76420.jpg)